ގދ. ފިޔޯރީގައި ޤާއިމްކުރާ މަސްކިރާ ފެކްޓްރީއަކީ ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސްކުރެވޭނެ ފެކްޓްރީއެއް ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކުރިއަށްގެންދާ ވަޒީރުންގެ ”އަހާ“ ފޯރަމްގެ 5 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިގޮތުން ވަޒީރު ވިދާޅުވީ، މި ފެކްޓަރީގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާއި ހަވާލުކުރެވިފައިވާކަމަށާއި، ކުރިއަށްއޮތް 2 އަހަރުގެ ތެރޭގައި މަސައްކަތް ނިންމައި ބޭނުންކުރަން ފެށޭނެ ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ މަސް ޕްރޮސެސްކުރުމުގެ ޤާބިލުކަން ތިން ގުނައަށް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި މަސައްކަތުގެ ދަށުން ގދ. ފިޔޯރީ، ފ. ނިލަންދޫ އަދި ޅ. ފެލިވަރުގައި މަސްކިރާ ކާރުޚާނާތަކެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.
ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވި ގޮތުގައި، ފިޔޯރީގައި ޤާއިމްކުރާ ފެކްޓްރީއަކީ ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސްކުރެވޭނެ ފެކްޓްރީއެކެވެ.
އަދި މި ތިން ފެކްޓްރީގެ ކަރުދާހުގެ މަސައްކަތް ނިމި، ޗައިނާގެ ކުންފުންޏަކާއެކު އީޕީސީ ކޮންޓްރެކްޓެއްގައި މިދިޔަ އެޕްރީލް މަހުގެ 8 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ.
”ފިނޭންސް މިނިސްޓްރީއާއެކު ކުރަންޖެހޭ މަސައްކަތް މިހާރު މިވަނީ ގާތްގަނޑަކަށް ނިމި، އީޕީސީ ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ހުއްދަ ދެ ދުވަހެއްގެ ތެރޭގައި އަޅުގަނޑުމެންނަށް ލިބޭނެކަމަށް މި އުންމީދުކުރަނީ،“ ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކޮންސެޝަނަލް ނުވަތަ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ލޯނު ހަމަޖެހޭނެ ކަމަށް އެއްބަސްވެފައިވާ މަޝްރޫޢުތަކެކެވެ.
މި ޕްރޮޖެކްޓްތައް ނިމުމުން ރާއްޖޭގައި 81 ހާސް ޓަނުގެ މަސް ދަޅުގަޔާއި ޕައުޗްގައި ބަންދުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގައި މަހާއި މަހުގެ އުފެއްދުންތަކުން ކުރެވޭ ވިޔަފާރިތަކުން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ފުރަތަމަ ފިޔަވަޅަށް ވެގެންދާނެ ކަމަށް ފިޝަރީސް މިނިސްޓްރީން ބުނެފައިވެއެވެ.