- Advertisement -spot_img

ހައްޖުވެރިންގެ ޑެބިޓު ކާޑަށް 1750 ޑޮލަރުގެ ލިމިޓެއް ހަމަޖައްސައިފި

މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ޙައްޖު ވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ބޭންކް އޮފް މޯލްޑިވްސް ގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފިއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިދޔަ ރަމަޟާން މަހުވެސް އުމުރާ އަށް ދިޔަ ފާރާތްތަކަށް ވަނީ ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، އިތުރު 1500 ޑޮލަރުގެ ލިމިޓެއް ހަމަޖައްސަވައިދެއްވާފައެވެ.

ރައީސް ގެ އެދިވަޑައިގަތުމަށް ބީއެމްއެލްއިންވަނީ އުމްރާވެރިން ބޭނުންކުރަމުންދިޔަ އެ ބޭންކުގެ ޑެބިޓު ކާޑުތަކުގެ ޑޮލަރު ލިމިޓު އިތުރުކޮށްދީފައެވެ. އަދި ފަސޭހައިން ޑޮލަރު ނެގޭނެ އިންތިޒާމް އުމުރާވެރިންނަށް ވަނީ ހަމަޖައްސާފައެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި ހައްޖުވެރިންނަށް ލުއިފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އެގޮތުން ފަސޭހައިން އެއަރޕޯޓަށް ދެވޭނެ އިންތިޒާމްތަކާއި މައްކާ މަދީނާގައިވެސް ދިވެހި ހައްޖުވެރިންނަށް ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމަށް ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.

ގުޅުންހުރި ލިޔުންތައް