މެރިކަލްޗަރ ދާއިރާއިން ތަމްރީނު ލިބިފައިވާ ފަންނީ މީހުން އުފެއްދުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ކޮންމެހެން މުހިންމުކަމެއް ކަމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ކ. މަނިޔަފުށީގައި ހިންގުނު ”ބޭސިކް މެރިކަލްޗަރ ތަމްރީނު ކޯސް“ ގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އިޤްތިޞާދީ މަސައްކަތް ފުޅާކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކޮށް މެރިކަލްޗަރ ސިނާޢަތަކީ ދިވެހިންނަށް ނަފާލިބޭ ސިނާޢަތަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެތެރެއިން ކަމަށެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ހިންގާ ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ބޭއްވުނު މި ކޯހަކީ 26 އޭޕްރިލް 2025 އިން 8 މެއި 2025 އަށް، 14 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު ކޯހެކެވެ. އަދި މި ކޯހުގައި ޖުމްލަ 15 ބައިވެރިން ބައިވެރިވެ ކޯސް ފުރިހަމަކޮއްފައިވެއެވެ.
ބޭސިކް މެރިކަލްޗަރ ކޯހަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަރޒްގެ ފަރާތުން ހިންގާ ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން އަހަރަކު ދެފަހަރު، 14 ދުވަހުގެ މުއްދަތަކަށް ހިންގޭ ކޯހެކެވެ. މީއީ މިޕްރޮގްރާމުގެ ދަށުން މިއަހަރު ބޭއްވުނު ފުރަތަމަ ކޯހެވެ. އަދި މި ކޯހުގެ ސަބަބުން ރާއްޖޭގެ މެރިކަލްޗަރ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށް އެހީތެރިވެދޭނެއެވެ.