މިއަދުގެ ހުކުރު ޚުޠުބާ ބިނާކޮށްފައިވަނީ ތިޔަބައިމީހުންނަކީ ލޯބިވާ އަޚުންތަކެއްކަމުގައި ވުމާއި ގުޅޭގޮތުންނެވެ.
އެގޮތުން މިއަދުގެ ޚުޠުބާ ފަށަމުން ކީރިތި ޤުރުއާނުގައި އަޅުތަކުންނަށް އަމުރުކުރައްވާފައިވަނީ ކިޔަމަންގަތުމާއި ހެޔޮ ޢަމަލުތަކުގައި ކުރިއަރައި ދިޔުމަށްކަމަށް ވަނީ ބުނެފައެވެ. މިގޮތުން އެއްބައިވަންތަވުމަށާއި ގުޅިގެން އުޅުމަށް އަންގަވާފައިވާއިރު، ބައިބައިވުމާއި ދެބަސްވުންތައް އަޅުގަނޑުމެންގެ ދީނުގައި ނަހީކުރައްވާފައިވާކަން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން މާތްﷲ ގެ މަތިވެރިކަމަށާއި ޒާތުފުޅަށްޓަކައި އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވުމަށާއި ހެޔޮކަމާއި ތަޤްވާވެރިވުމުގައި އެހީތެރިވާ ބަޔަކަށް ވުމަށް ވަނީ ހަނދާންކޮށްދީފައެވެ.
މާތްﷲ ވަހީ ކުރައްވފައިވާ ބަސްފުޅެއްގެ މާނައަށް އަލިއަޅުވާލަމުން ދެބަސްވެ އަރައިރުންވާނަމަ މީސްތަކުން ފިނޑިވެ ބާރުނެތި ދާނެކަމަށް ވަނީ ބުނެފައެވެ. އަދި އެއީ މީސްތަކުންގެ ހައިބަތާއި ބާރު ނެތިހިނގައިދާނެ ކަމެއްކަންވެސް ވަނީ ފާހަގަކޮށްފައެވެ.
އަޅަމެންގެ މާތް ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިވާ ގޮތުގައި ޤިޞާސް ހިފުމާއި ދިޔަ ދިނުމުގައި މުސްލިމުންނަކީ ހަމަހަމަ ބައެއްކަމަށާއި އެންމެ އާދައިގެ މުސްލިމަކު ކާފިރަކަށް ޙިމާޔަތްދީ ޢަހުދެއްކޮށްފިނަމަ، އެކަމަށް ރައްކާތެރިވުން އެންމެހާ މުސްލިމުންގެ މައްޗަށް ލާޒިމްވެގެން ވެއެވެ. އަދިވެސް އިތުރު ޙަދީޡްއަކަށް އަލިއަޅުވާލަމުން ތިޔަބައިމީހުން ޖަމާޢަތާ އެކުގައި ވުމަށާއި ބައިބައި ވުމާއިމެދު ބިރުވެރިވެ ރައްކާތެރިވުމަށް ވަނީ އެދިފައެވެ. ސަބަބަކީ ޝައިތާނާ ގާތްކަން ބޮޑުވާނީ އެކަހެރި މީހާއަށްކަމުގައި ވާތީއެވެ.
އެންމެ ނުބައި މީހަކީ ޤަޢުމު ޚަރާބުކޮށް އަމާންކަމާކއި ސަލާމަތްކަން ނަގާލައި މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަކުރާ މީހާކަމަށް މިއަދުގެ ޚުޠުބާގައި ވަނީ ބުނެފައެވެ. އަދި މީގެއިތުރުން ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް ޤަޢުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެކަމަށްވެސް ވަނީ ބުނެފައެވެ. އަދި ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި، މީސްތަކުންނާއި ހުތުރު ބަހުން މުޚާތަބުކޮށް އަނިޔާވެރިވާ މީހުންނާއި، މީސްތަކުންގެ ހިތްތަކުގައި ނަފުރަތުގެ އޮށްތައް ހިންދައި އެބައިމީހުންގެ ބަދަހި ސަފުތައް ވިސްސިވިހާލިކޮށްލާ މީހުންނާއި، އަނިޔާވެރިކަމާއި ފާޖިރުކަމުގެ ސަބަބުން ސީދާމަގު ގެއްލިފައިވާ ބަޔަކަށްވެސް ޤަޢުމު އެއްގަލަކަށް ނޭރުވޭނެކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.
ޚުތުބާގައި އިތުރަށް ބުނީ، އެކަކު އަނެކަކަށް ރަޙުމުކޮށް އޯގާވެރިވެ އުޅުމަށް ވަޞިއްޔަތްކުރުމަކީ، މާތް اللهއާ ކުއްތަންކޮށްދޭ މަތިވެރި ޢަމަލެއް ކަމަށެވެ. އެހެންކަމުން، ކޮންމެ މީހަކީވެސް އަމިއްލަ ނަފުސަށާއި، އެހެން މީހުންގެ މައްޗަށް އޯގާތެރި މީހަކަށްވުމަށް ޚުތުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ.
ޚުތުބާގައި ބުނެފައިވާގޮތުން މުއުމިނުންނަކީ މީހުންގެ ބޭނުންތައް ފުއްދައިދޭ، މީހުންނަށް ޖެހޭ އުނދަގޫތައް ދުރުކޮށްދޭ ބަޔެކެވެ.
އެހެންކަމުން، މުސްލިމަކަށް އުނދަގޫކޮށް، އޭނާގެ މައްޗަށް ބާޠިލު ތުހުމަތުތައް ކޮށް، ދޮގު ބުހުތާނު ވާހަކަތައް ފަތުރައި، އޭނާ ދެރަކޮށް، ނިކަމެތިކޮށްނުލުމަށް ޚުތުބާގައި ވަނީ ނަޞޭޙަތްތެރިވެފައެވެ. އަދި އަނެކާއަށް ބަދުބަސްބުނެ، ފަޟީޙަތް ނުކުރުމަށާއި، އޭނާއަށް ކުރެވޭ ކުށްތައް ހާމަކޮށް، ފަޟީޙަތްނުކުރުމަށް ޚުތުބާގައި ނަޞޭހަތްތެރިވިއެވެ.



