ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބާއްވާ މަގުމަތީ ހިނގާލުން މިއަދު މާލޭގައި އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެ އިދާރާއިން މަޢުލޫމާތު ދެއްވިގޮތުގައި މި ހިނގާލުން ފަށާނީ މިއަދު ހަވީރު 16:15 ގައެވެ.
އެމްއެންޑީއެފުން ބުނީ މި ހިނގާލުމުގައި ދިވެހި ސިފައިންގެ ލަޝްކަރުގެ އެކިއެކި ދާއިރާތަކާއި ޚިދުމަތްތައް ދައްކުވައިދޭނެ ކަމަށެވެ.
ބަންޑާރަކޮށިން ފެށުމަށް ހަމަޖެހިފައިވާ މަގުމަތީ ހިނގާލުމުގައި ލަޝްކަރު، ރައީސް އޮފީސް ކައިރިއަށް މަޑުކުރުމުން އެ ހިނގާލުން ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ.
އެމްއެންޑީއެފުން ބުނީ މާލޭގެ ކަނޑައެޅިފައިވާ މަގުތަކުން މި ހިނގާލުން ކުރިއަށްގެންދަން ހަމަޖެހިފައި ވާއިރު، ފަސް ސަރަހައްދެއްގައި ލަޝްކަރު މަޑުކުރާނެ ކަމަށެވެ.
އެގޮތުން ލަޝްކަރުގެ ކޮންމެ ހުއްޓުމެއްގައިވެސް އަސްކަރީ ބޭންޑުގެ ރީތި ރާގުތައް ޕާފޯމްކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
އެމްއެންޑީއެފުން ބުނީ މި ހިނގާލުމުގައި ލަޝްކަރު ހުއްޓޭނެ ސަރަހައްދުތަކަކީ، އަމީރުއަޙްމަދުމަގު، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމަތި، ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގާއި ޗާންދަނީމަގު ހަތަރު އަނގޮޅި، މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާކޮށި ހުޅަނގު އުތުރު ކަންމައްޗެވެ.
މަގުމަތީ ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށް ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.



