ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ އޯޓިޒަމް ދުވަހުގެ މުނާސަބަތާ ގުޅިގެން އެމަނިކުފާނުގެ ރަސްމީ ”އެކްސް“ އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ ކޮންމެ ދިވެހި ދަރިޔަކީ މި ޤައުމަށް މުހިންމު އަގުހުރި ދަރިއެއް ކަމަށާއި އޯޓިޒަމް ތަޙައްމަލުކުރާ ކޮންމެ ކުއްޖަކީވެސް ޤައުމަށް މަންފާކޮށްދޭނެ އެތައް ހުނަރެއް ހުރި މޮޅު ކުދީން ކަމަށެވެ. އަދި އެ ކުދީންނަށް އަޅައިލުމާއި ލޯބިދިނުމަކީ ޤައުމީ ވާޖިބެއް ކަމުގައި ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ދުނިޔޭގެ އޯޓިޒަމް ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޭޕްރިލް 2 ވަނަ ދުވަހުއެވެ.
އޯޓިޒަމާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ، ”އެޑްވާންސިންގ ނިއުރޯޑައިވަރސިޓީ އެންޑް ދަ ޔޫއެން ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް“ މިޝިޢާރެވެ. މިއީ ސިޔާސަތުތައް ކަނޑައެޅުމުގައި އޯޓިޒަމް ހުންނަ ފަރާތްތަކުގެ ބައިވެރިވުން އޮންނާނެހެން ތަރައްޤީގެ މަސައްކަތްތައް ރޭވުމަށް ބާރު އެޅުމަށް އަލިއަޅުވާލާ ޝިޢާރެކެވެ.
އޯޓިޒަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މައުލޫމާތު ދެއްވާ ގޮތުގައި މިވަގުތު އެތަނުން 168 ކުއްޖަކު އަންނަނީ ޚިދުމަތް ހޯދަމުންނެވެ.



