މިދިޔަ އެމްޑީޕީ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ބައެއް ދޫކޮށްލީ ވަކީލުންނަށް ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރުމަށްފަހުގައި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދ. މީދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ވެރިކަން ކުރާ ޕީއެންސީ އަށް ލިބިފައިވާތީ އެ ކާމިޔާބީ ފާހަގަކުރުމަށް ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މާދުރުނޫން މާޒީގައި ރާއްޖޭގެ މިނިވަންކަން ގެއްލޭ ހިސާބަށް ކަންތައްތައް ގޮސްފައިވާ ކަމަށާއި، މިދިޔަ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ބައެއް ދޫކޮށްލީ އެއްވެސް އެނގުމެއް ނެތި، ގާނޫނާއި ގަވާއިދާ ޚިލާފަށް ކަމަށެވެ. އަދި އެކަން ކުރީ ގާނޫނުއަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި ސިޓީއެއް ފޮނުވައިގެން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”މިދިޔަ ސަރުކާރުން ވަކީލުންނަށް ރައްޔިތުންގެ ފައިސާއިން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން އެތަން ދޫކޮށްލީ، ދޫކުރަން ޚަރަދުކުރީ، އެހެން ކަންތައްތައް ވެފައި ހުރީ،،“ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި އެއީ ފަނާކުރުވަނިވި ސިޔާސަތެއްގެ ދަށުން ހިންގާފައިވާ އަމަލެކެވެ.
މިހާރުގެ ސަރުކާރުން ގެންގުޅެނީ ބިނާކުރުވަނިވި ފިކުރެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ކުރީގެ ސަރުކާރުން ފޮނުވި ސިޓީ މިހާރު އަނބުރާ ގެނެސްފައިވާ ކަމަށެވެ. އަދި ގެއްލުވާލި ނުވަތަ ވިއްކާލި ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ގާނޫނުތަކުގައިވާ ގޮތުގެ މަތިން ރާއްޖޭގެ ބައެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އިންޓަނޭޝަނަލް މިންގަނޑުތަކާ އެއްގޮތަށް އެ ސަރަހައްދު އަނބުރާ ހޯދުމަށް ކުރަންޖެހޭ ގާނޫނީ މަސައްކަތްތައް ސަރުކާރުން ކުރަމުންދާކަން ރައީސް ހާމަކުރެއްވިއެވެ. މިއީ ޚަރަދު ބޮޑު މަސައްކަތެއް ނަމަވެސް، މިއީ ގައުމުގެ ހައްގުގައި ކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ގައުމީ ފިކުރުގައި، ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި ދީން ރައްކާތެރިކުރުމުގެ ސިޔާސަތު ތަންފީޒުކުރުމުގައި ކަމަށެވެ.



