ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަހަރު ބާއްވާ ދެވަނަ ހެލްތު ކޭމްޕް 19 އިން 20 ޖޫން އަށް ލާމު އަތޮޅު ގަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލާ ގުޅިގެން ކުރިއަށްގެންދާ މި ކޭމްޕުގެ މަގްސަދަކީ އެ އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ދުރާލާ ރަޖިސްޓްރީކޮށްގެން ތަފާތު ބަލިތަކުގެ ޚާއްސަ ޑޮކްޓަރުންނަށް ހިލޭ ދެއްކުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
މިކޭންޕްގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން މާލެއަށް ދަތުރުކުރުމުގެ ބަދަލުގައި، ރަށާ ގާތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚާއްސަ ޑޮކްޓަރުންގެ އިރުޝާދު ހޯދުމަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.
މި ކޭމްޕުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ހަތް ކޮންސަލްޓަންޓުން ހިމެނޭ ޓީމަކުން ތިރީގައިވާ ދާއިރާތަކުން ޚިދުމަތް ފޯރުކޮށްދޭނެއެވެ:
ޑރ. މޫސާ މަނިކު – ހިތުގެ ބަލިތުގެ ޚާއްސަ
ޑރ. ޕަންކަޖް ޕަޓަވާރީ – ހޯމޯން ބަލިތަކުގެ ޚާއްސަ (އެންޑޮކްރިނޮލޮޖީ)
ޑރ. ޗަންދުރަޝޭކަރު ރާވަލް – ކަރުންމަތީގެ ބަލިތަކުގެ ޚާއްސަ (އީ.އެން.ޓީ)
ޑރ. އިބްރާހީމް މުއުމިން – އޮޕަރޭޝަންތަކުގެ ޚާއްސަ
ޑރ. މުހައްމަދު ހަބީބް – ކަށީގެ ބަލިތަކުގެ ޚާއްސަ
ޑރ. އަލީ މުޒްނީ – ކަށީގެ ބަލިތަކުގެ ޚާއްސަ
ޑރ. ނަޒްމީ ލަތީފް – ނޭވާލާ ނިޒާމުގެ ބަލިތަކުގެ ޚާއްސަ
ޑރ. މެހެމެތް އޮޑާ – ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ޚާއްސަ
މި ކޭމްޕުގެ ތެރެއިން، ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމުގެ އިތުރުން، ބަލިތައް އަވަހަށް ދެނެގަތުމަށާއި ބަލިތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ޞިއްޙީ ސްކްރީނިންގް އާއި މަޢުލޫމާތު ދިނުމުގެ ހަރަކާތްތައް ކުރިއަށްދާނެއެވެ.
އަތޮޅުތަކުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ދަށުން، ލާމު އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުންނަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަރުހުންނާއެކު މަޢުލޫމާތާއި ތަޖުރިބާ ޙިއްސާކޮށް، ފަންނީ ހުނަރު އިތުރުކުރުމަށް ފަހިކޮށްދެވޭ ފުރުޞަތެކެވެ.
މީގެ އިތުރުން، ޒުވާނުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމަކަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، ޞިއްޙީ ދާއިރާގެ ވަޒީފާތަކަށް ޝައުޤުވެރިކަން އުފެއްދުމުގެ މަޤްޞަދުގައި ގަމުގެ ދަރިވަރުންނަށް ޚާއްޞަ ތަޢުލީމީ ސެޝަނެއް ކުރިއަށް ގެންދެވޭނެއެވެ.
މި ކޭމްޕުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ޚާއްޞަ ބަލިތަކުގެ ފަރުވާ ހޯދުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުމެވެ. އަދި ހަމައެއާއެކު، މި ސަރަޙައްދުގެ ޞިއްޙީ ޚިދުމަތްތެރިންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް އެހީތެރިވެދިނުމަކީވެސް މި ހަރަކާތުގެ މުހިންމު ބޭނުމެކެވެ.
ކޭމްޕަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ސުންގަޑިއަކީ 17 ޖޫން 2026 ގެ ރޭގަނޑު 11:00 އެވެ. ރަޖިސްޓްރީ ކުރުމަށް ގަމު ރީޖަނަލް ހޮސްޕިޓަލުގެ 6800026 +960ނަންބަރަށް ގުޅުއްވުން އެފަރާތުން އެދެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖެއަށް އާ ޚިދުމަތްތަކާއި ޒަމާނީ ޓެކްނޮލޮޖީ ތައާރަފްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ، ރާއްޖޭގެ ފުންނާބުއުސް ސިއްޙީ މުއައްސަސާއެކެވެ. މި ހޮސްޕިޓަލުގެ އަމާޒަކީ ދިވެހިން ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުކޮށް، ސިއްޙީ ފަރުވާއަށް ކުރާ ޚަރަދު ކުޑަކޮށްދިނުމެވެ. ޓީ.ޓީ.އެޗް އިން ތަޖުރިބާކާރު ޑޮކްޓަރުންނާއި، އެންމެ ފަހުގެ ވަސީލަތްތަކާއެކު ފުޅާދާއިރާއެއްގައި ސިއްޙީ ޚިދުމަތްތައް ފޯރުކޮށްދެއެވެ.



