ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ވިދާޅުވީގޮތުގައި ރައީސްގެ ދެ ކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގަތީ ރޭގެ ވަގުތެއްގައެވެ. މި ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލުތައް އެ އޮފީހުން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.
މީގެ ކުރިން ވެސް ރައީސްގެ ދެކަނބަލުން ވަނީ ނުރަސްމީ ދަތުރުފުޅުތައް ސިންގަޕޫރަށް ކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ބައެއް ނުރަސްމީ ދަތުރުފުޅުތަކުގައި، އެމަނިކުފާނު ކުރައްވާ އިދާރީ މަސައްކަތްޕުޅުތަކުގެ ހަރަދާއި، އާއިލާއާއި އަމިއްލަފުޅު ކަންކަންވެސް ހިމެނޭގޮތުން، މުޅި ދަތުރުފުޅުގެ ހުރިހާ ހަރަދެއްވެސް ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށެވެ.



