ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއާމަންގެ މަގާމުން މިދިޔަ ބުރާސްފަތި ދުވަހު ވަކިކުރެއްވި އަޙްމަދު ޝަހީރު، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޗެއާމަންގެ މަގާމަށް މިއަދު ހަމަޖައްސައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނި ގޮތުގައި، އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް ޝަހީރު އައްޔަންކުރައްވާފައިވަނީ އެ ކުންފުނީގެ ޗެއާމަންގެ ގޮތުގަ އެވެ. މިއީ މި ސަރުކާރުގައި އެމްޓީޑީސީގެ ޗެއާމަންއަކަށް އައްޔަންކުރެއްވި 2 ވަނަ ބޭފުޅާއެވެ.
ޝަހީރު މި މަގާމަށް މި އައްޔަންކުރެއްވީ އެމްޓީޑީސީގެ ކުރީގެ ޗެއާމަން ޢަބްދުﷲ ފާއިޒުގެ މަގާމުގެ ދައުރު ހަމަވުމާ ގުޅިގެން މަގާމުން ވަކިކުރުމަށްފަހުގަ އެވެ. ފާއިޒު މިހާރު ހުންނެވީ މިފްކޯގެ ޗެއާމަންގެ މަގާމުގައެވެ.
މި މަގާމަށް އައްޔަންކުރުމުގެ ކުރިން، މި ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންކަން ވެސް ޝަހީރު ކުރެއްވިއެވެ.
އެމްޓީޑީސީއަކީ ސަރުކާރާއި އާންމު ހިއްސާދާރުން ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏެކެވެ. މި ކުންފުނީގެ 47 އިންސައްތަ ހިއްސާ ސަރުކާރުން ހިއްސާކުރާއިރު، ބޯޑަށް ސަރުކާރުން ހަތަރު ޑިރެކްޓަރުން އައްޔަންކުރެ އެވެ. އަދި ބާކީ ތިބޭ ފަސް ޑިރެކްޓަރުން ތަމްސީލުކުރަނީ އާންމު ހިއްސާދާރުންނެވެ.



