ހުކުރު, މާރޗް 14, 2025
spot_img
- Advertisement -spot_img

ޑްރޯން ހަމަލާއެއްގައި އިޒްރާއީލްގެ ހަތަރު ސިފައިން މަރާލާ 58 ސިފައިން ޒަހަމްކޮށްލައިފި

ހަމަލާދީފައި ވަނީ ހިޒްބުﷲ ޖަމާއަތުގެ ”މިރްޝަދް“ ޑްރޯން ބޭނުން ކޮށްގެންނެވެ. އެއީ އީރާނުން އުފައްދާފައިވާ ޑްރޯނެއް ކަމަށްވާ އަބާބީލް-ޓީގެ ނަން ދީފައިވާ ޑްރޯން އާއި އެއްގޮތް ޑްރޯނެކެވެ. އިޒްރާއީލްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ހަމަލާ ދޭން މަސައްކަތް ކުރީ ދެ ޑްރޯން ބޭނުން ކޮށްގެންނެވެ. ނަމަވެސް އޭގެތެރެއިން އެއް ޑްރޯން ވަނީ އިޒްރާއީލް ސިފައިން ހަމަލާދީ ވައްޓާލާފައެވެ. ދެވަނަ ޑްރޯން ވެސް އިޒްރާއީލްގެ ސިފައިންނަށް ފާހަގަ ކުރެވުނު ކަމަށާއި ނަމަވެސް ފަހުން ޑްރޯން ދަތުރު ކުރީ މާބޮޑަށް ވެސް ތިރިން ކަމަށްވާތީ ރާޑަރަށް ޑްރޯން ގެއްލުނީ ކަމަށް އިޒްރާއީލްގެ މީޑިއާތަކުން ބުނެއެވެ. ރާޑަރުތަކަށް ޑްރޯން ގެއްލުމުން އިޒްރާއީލް ސިފައިންނަށް ހީކުރެވިފައި އޮތީ ޑްރޯން ވެއްޓުނީ ކަމަށެވެ.

ހަމަލާ ދިނުމުގައި ބޭނުން ކުރި ޑްރޯން އަކީ 370 ކިލޯ މީޓަރުގެ ބާރުމިނުގައި ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ 40 ކިލޯގެ ގޮވާތަކެތި އުފުލޭ ޑްރޯނެކެވެ.

ހިޒްބުﷲ އިން އިޒްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފައި މިވަނީ ފާއިތުވި ދެމަހެއްހާ ދުވަހު އިޒްރާއީލުން ހިޒްބުﷲގެ އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއްދީ ހިޒްބުﷲ ވަރަށް ބޮޑަށް ބަލިކަށި ކޮށްލެވިއްޖެ ކަމަށް އިޒްރާއީލްގެ މަސްއޫލުވެރިން ބުނަމުން ދަނިކޮށެވެ. އަދި ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ އާއި އެޖަމާއަތުގެ އެންމެ އިސް ގިނަ މެންބަރުންތަކެއް ވެސް އަވަހާރަކޮށްލާފައި ވަނިކޮށެވެ.

ހިޒްބުﷲ އިން މިހާރު ވެސް އިޒްރާއީލަށް ދެމުން ގެންދާ ރޮކެޓް ހަމަލާތަކާއި އަދި ރޭ ދިން ޑްރޯން ހަމަލާއަށް ބަލާއިރު އިޒްރާއީލާއި ހިޒްބުﷲގެ ހަނގުރާމަ ވެސް ދިގުދެމިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

ގުޅުންހުރި ލިޔުންތައް