ޅ. ފެލިވަރުގައި މިހާރު ގާއިމުކުރަމުންދާ 4،000 ޓަނުގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް މިއަހަރުގެ މަސްވެރިންގެ ދުވަސް ކަމަށްވާ ޑިސެމްބަރު 10 އަށް ނިންމައި ހިދުމަތް ދޭން ފެށުމަށް ސަރުކާރުން އަމާޒު ހިފާފިއެވެ.
މި މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، ގާތްގަނޑަކަށް 22 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގާ މުހިންމު މަޝްރޫއެކެވެ. އިންޑިއާގެ ރައިނެކް އިންޑިއާ ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްދާ މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހޯއްދެވުމަށް ފިޝަރީޒް މިނިސްޓަރު ވަނީ އިއްޔެ ފެލިވަރަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި މިނިސްޓަރުގެ އަރިހުގައި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ޖީ. ބާލަސުބްރަމާނިޔަންގެ އިތުރުން މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއުގެ ދަށުން ފެލިވަރުގައި 4،500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 200 ޓަނުގެ ބްރައިން ފްރީޒިން ސިސްޓަމެއްގެ އިތުރުން 80 ޓަނުގެ އާރުއެސްޑަބްލިއު ސިސްޓަމެއް ގާއިމުކުރެވިގެންދާނެއެވެ. ފިޝަރީޒް މިނިސްޓްރީން ފާހަގަކުރި ގޮތުގައި މި މަޝްރޫއަކީ މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ކުރިއަށްގެންދެވޭ އުމްރާނީ ތަރައްގީގެ ވަރަށް މުހިންމު މަޝްރޫއެކެވެ. މިއާއެކު ފެލިވަރަށް ދުވާލެއްގެ މައްޗަށް ކިރޭ މަހުގެ މިންވަރު 280 ޓަނަށް އިތުރުވެގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ.
މީގެ ސަބަބުން އުތުރުގެ މަސްވެރިން މަސްކިރުމަށްޓަކައި ކޫއްޑޫއަށް ކުރަންޖެހޭ ދިގު ދަތުރުތަކަށް ނިމުމެއް އައިސް، ތެލަށް ކުރާ ހޭދަވެސް ނިސްބަތުން ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ.



