- Advertisement -spot_img

ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް ރާއްޖެއިން ގޮވާލައިފި

ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ (އޯއައިސީ) ގެ މެންބަރު ގައުމުތަކުން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ފުޅާކުރުމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ގޮވާލައްވައިފިއެވެ.

އެކަމަނާ މިކަމަށް ގޮވާލެއްވީ ސައޫދީ އަރަބިއްޔާގެ ޖިއްދާގައި އިއްޔެ ބޭއްވި އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މިއީ ޚާރިޖީ ވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، އޯއައިސީގެ ބައްދަލުވުމެއްގައި އެކަމަނާ ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިރުތިޝާމް ވަނީ ފަލަސްތީނުގެ ބިންތަކަކީ އިސްރާއީލުގެ މިލްކެއް ކަމަށް ނިންމައި، އެ ބިންތައް ހިސާރުކުރަމުންދާ ދިއުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި އިސްރާއީލުން ހިންގަމުންދާ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުވުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތައް ތަންފީޒުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އިސްލާމީ އުއްމަތުގެ އަސާސްތައް ދެމެހެއްޓުމަކީ އޯއައިސީގެ ހުރިހާ މެންބަރު ގައުމުތަކެއްގެ ޒިންމާއެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި އިންސާފު ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ޚާރިޖީ ވަޒީރު ދެއްވިއެވެ. އެގޮތުން، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށް ކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ކުރާ ތާއީދު އެކަމަނާ ތަކުރާރުކުރެއްވިއެވެ. މީގެ އިތުރުން، ޣައްޒާގެ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އެކުލަވާލާފައިވާ ”ކޮމްޕްރިހެންސިވް ޕްލޭން“ ތަންފީޒުކުރުމަށް ވެސް ގޮވާލެއްވިއެވެ.

މި ބައްދަލުވުމުގެ ހަވާސާގައި، އޯއައިސީގެ ބައެއް މެންބަރު ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައި، ރާއްޖެއާއި އެ ގައުމުތަކާ ދެމެދު އޮތް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ޖުމްލަ 57 ގައުމު ހިމެނޭ އޯއައިސީގެ މެންބަރަކަށް ރާއްޖެ ވެފައިވަނީ 1976 ވަނަ އަހަރުއެވެ. އޭގެ ފަހުން ރާއްޖެއިން އަންނަނީ އެ ޖަމިއްޔާގެ ހަރަކާތްތަކުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް