ޔަހޫދީ ދައުލަތުން ޤައްޒާ އާރާސްތުކުރުމުގެ މަގުޗާޓާއި ދެކޮޅު ހަދަމުންދާތީ ބާއްވާ އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ސައުދި އަރަބިއްޔާއަށް ފުރާވަޑައިގަންނަވައިފިއެވެ. މި ބައްދަލުވުމުގައި ވަޒީރު ތަޤުރީރު ކުރެއްވުމަށް ހަމެޖެހިފައިވެއެވެ.
ސައުދި އަރަބިއްޔާގެ ޖިއްދާގައި މިމަހުގެ މާދަމާ ބާއްވާ ބާއްވާ އިސްލާމީ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ބައްދަލުވުމަކީ، ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ޔަހޫދީ ދައުލަތުން ހިންގަމުންދާ ޢައިރު ޤާނޫނީ ޢަމަލުތައް ކުށްވެރިކޮށް ފަލަސްޠީނުގެ ރައްޔިތުންގެ ބިންތައް ފޭރިގަނެ ހިންގަމުންދާ ޖަރީމާތާކާއި، ދެކޮޅަށް ސަޢުދިީ އަރަބިއްޔާގެ ދަޢުވަތަކަށް ބާއްވާ ޚާރިޖީ ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ތަޤުރީރު ކުރައްވަން ހަމަޖެހިފައިވާއިރު، މި ފަހަރު ބައްދަލުވުމުގައިވެސް ރާއްޖެއިން ފަލަސްޠީނުގެ ރައްޔިތުންގެ ޚައްޤުޤައި ވަކާލާތުކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ޔަހޫދީ ދައުލަތުން ހިންގާ ޢަމަލުތައް ކުށްވެރިކޮށް ޖަވާބުދާރީ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޚަރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވިއެވެ.
ފަލަސްޠީނު މައްސަލައިގަ ދިވެހި ސަރުކާރުން އަބަދުވެސް އަންނަނީ ފަލަސްޠީނު ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށް ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް ގޮވާލަމުންނެވެ. އެގޮތުން 1967 ބޯޑަރަށް އެނބުރި ރުޖޫޢަވެ، ފަލަސްޠީނުގެ މިނިވަން ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސް ކަމުގައި ބަލައިގަތުމަށް ދިވެހި ސަރުކާރުން ވަކާލާތު ކުރެއެވެ. މީގެ އިތުރުން ޔަހޫދީ ދައުލަތުން ހިންގަމުންދާ ޖަރީމަތައް ކުށްވެރިކޮށް ބައިނަލްއަޤްވާމީ ކޮންމެ މަންސައެއްގައި ދިވެހި ރާއްޖެއިން މިހާރު ދަނީ ފާޅުގައި ވަކާލާތު ކުރަމުންނެވެ.
އޯއައިސީގެ މިފަހަރު ބައްދަލުވުމުގައި، ފަލަސްޠީނުގެ މައްސަލައިގެ އިތުރުން އެ ޖަމިއްޔާގެ ސެކެރެޓަރީ ޖެނެރަލް އައްޔަން ކުރުމުގެ ކަންކަންވެސް ކުރުމަށް، ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ބައްދަލުވުމުގެ ތެރެއިން އެކުވެރި ޢަރަބި ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ބައްދަލުވެ، މަޝްވަރާތައް ކުރިއަށްދާނެ ކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.



