- Advertisement -spot_img

މާތް ނަބިއްޔާ ދެކެ ލޯބިވުމާއި އެކަލޭގެފާނު ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ދީނީ ވާޖިބެއް: ޚުޠުބާ

މާތް ނަބިއްޔާ މުޙައްމަދު ﷺ ދެކެ ލޯބިވުމާއި، އެކަލޭގެފާނު ދިފާޢުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް އޮތް ދީނީ ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ޚުޠުބާ ޚާއްޞަކޮށްފައިވަނީ ”މާތް ނަބިއްޔާ ﷺ ދެކެ ލޯބިވުން“ މި މަޢޫޟޫއަށެވެ.

ޚުޠުބާ ފައްޓަވަމުން ވަނީ މާތް ﷲގެ ޙަޟުރަތުގައި ޤަބޫލުވެވިގެންވާ ހަމައެކަނި ދީނަކީ އިސްލާމްދީންކަން ބަޔާންކުރައްވާފައެވެ.

މިކަމުގެ ދަލީލެއްގެ ގޮތުން ކީރިތި ޤުރްއާނުގެ އާލްޢިމްރާން ސޫރަތުގެ 19 ވަނަ އާޔަތް ފާހަގަކުރެއްވިއެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ (إِنَّ الدِّينَ عِندَ اللَّهِ الْإِسْلَامُ) މާނައީ: ”ހަމަކަށަވަރުން، ﷲގެ ޙަޟުރަތުގައި، ދީނަކީ އިސްލާމްދީނެވެ.“

އެހެންކަމުން އިސްލާމްދީން ފިޔަވައި އެހެން އެއްވެސް ދީނެއް އެކަލާނގެ ޤަބޫލުނުކުރައްވާނެކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.

ޚުޠުބާގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ކީރިތި ރަސޫލާ ﷺ ފޮނުއްވުމުގެ ކުރިން މުޅި އިންސާނިއްޔަތު އޮތީ ބޮޑުވެގެންވާ ޖާހިލިއްޔަކަމާއި އަނިޔާވެރިކަމެއްގެ ތެރޭގައެވެ. ނަމަވެސް، މާތް ﷲ އެކަލޭގެފާނު ފޮނުއްވީ މުޅި ޢާލަމްތަކަށް ރަޙްމަތެއް ކަމުގައްޔާއި، ހިދާޔަތުގެ މަގަށް އަލިކުރާ ވޮށެއްގެ ގޮތުގައެވެ.

ހަމައެއާއެކު، މުސްލިމެއްގެ އީމާންކަން ފުރިހަމަވާނީ އެންމެހައި މީސްތަކުންނަށް ވުރެ ބޮޑަށް ކީރިތި ރަސޫލާ ދެކެ ލޯބިވެގެންކަން ބަޔާންކުރައްވައި ކީރިތި ރަސޫލާ صلى الله عليه وسلمގެ ޙަދީޘްފުޅެއް ގެންނެވިއެވެ.

އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ. (لَا يُؤْمِنُ أَحَدُكُمْ حَتَّى أَكُونَ أَحَبَّ إِلَيْهِ مِنْ وَالِدِهِ وَوَلَدِهِ وَالنَّاسِ أَجْمَعِينَ) މާނައީ: ”ތިޔަބައިމީހުން ކުރެ މީހެއްގެ މައިންބަފައިންނާއި، ދަރީންނާއި، އެންމެހައި މީސްތަކުންނަށް ވުރެ ބޮޑަށް، ތިމަންކަލޭގެފާނު ދެކެ އެ މީހަކު ލޯބިވެއްޖައުމަށް ދާންދެން، އެ މީހެއްގެ އީމާންކަން ފުރިހަމައެއް ނުވާހުށްޓެވެ.“

އަދި މުސްލިމެއްގެ އީމާންކަން ފުރިހަމަވާނީ އެމީހެއްގެ އަމިއްލަ ނަފުސާއި، މައިންބަފައިންނާއި، އަނބިދަރީންނާއި، އެންމެހައި މީސްތަކުންނަށް ވުރެ ބޮޑަށް ކީރިތި ރަސޫލާ ﷺ ދެކެ ލޯބިވެގެން ކަމަށް ޙަދީޘްފުޅުތަކުން ދަލީލުދައްކަވަމުން ޚުޠުބާގައި ބަޔާންކުރެއްވިއެވެ. ހަމައެއާއެކު، އެކަލޭގެފާނަށް ފުރައްސާރަކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނޭ ކަމެއް ކަމަށާއި، އެފަދަ ފަރާތްތަކަށް ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޛާބު ހުރިކަން ވަނީ ހަނދާންކޮށްދެއްވާފައެވެ.

ޚުޠުބާގައި އިތުރަށް ވިދާޅުވީ، ރަސޫލާﷺ ދެކެ ލޯބިވުމުގެ އެންމެ މުހިންމު ޢަލާމާތަކީ އެކަލޭގެފާނުގެ ސުންނަތަށް ފުރިހަމައަށް ތަބާވުމާއި، އަޅުކަމާއި މުޢާމަލާތްތަކާއި އަޚުލާޤުގައި އެކަލޭގެފާނު ނަމޫނާއެއް ކަމުގައި ބަލައިގަތުމެވެ. މީގެ އިތުރުން ސުވަރުގެ ވަދެވެން އޮތް ހަމައެކަނި މަގަކީ އެކަލޭގެފާނަށް ކިޔަމަންގަތުން ކަމުގައި ފާހަގަކުރައްވައި، މާތް ﷲ ބާވައިލެއްވި ކީރިތި ޤުރްއާނާއި، ރަސޫލާﷺ ގެ މާތް ސުންނަތުގައި ވަރުގަދައަށް ހިފެހެއްޓުމަށް މިއަދުގެ ޚުޠުބާގައި މުޅި އުންމަތަށް ވަނީ ގޮވާލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް