ކެންސަރު ބައްޔަށް ފަރުވާ ދިނުމުގައި އުފެދޭ ނުރައްކާތެރި ކުނި ރައްކާތެރިކަމާއެކު ބެހެއްޓުމަށްޓަކައި، ރާއްޖޭގައި އަލަށް ގާއިމުކުރާ ހާއްސަ ފެސިލިޓީ އައްޑޫ ސިޓީގައި ގާއިމުކުރުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނާއިފާއި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ނިޒާމް އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ސީއީއޯ ޑރ. އަހްމަދު އަދީލް ނަސީރެވެ.
މި އެއްބަސްވުމުގެ ދަށުން ކީމޯތެރަޕީގެ ހިދުމަތްތަކުން އުފެދޭ ސައިޓޯޓޮކްސިކް ކުނި ރައްކާތެރިކަމާއެކު ރައްކާކުރުމަށް ހާއްސަ މަރުކަޒެއް ތަރައްގީ ކުރެވިގެންދާނެއެވެ. ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މަޝްރޫއު ކުރިއަށްދާ ގޮތް ސުޕަވައިޒްކޮށް ބަލަހައްޓާނީ އެންވަޔަރަންމަންޓް މިނިސްޓްރީންނެވެ. އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ކެންސަރު ފަރުވާގެ ކުނި އެއްކުރުމާއި ފެސިލިޓީ ހިންގުމުގެ މަސައްކަތް ކުރާއިރު، އެ ތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުން ހަވާލުކޮށްފައިވަނީ ވެމްކޯއާ އެވެ.
މިއީ ކީމޯތެރަޕީގެ ކުނި ރައްކާތެރިކަމާއެކު ނައްތާލުމުގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ދިމާވެފައިވާ ދިގުލީ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ފެށި މަސައްކަތެކެވެ. މަޝްރޫއުގެ ތަފްސީލުގައިވާ ގޮތުން، މިފަދަ ސައިޓޯޓޮކްސިކް ކުނި ޓްރީޓްކުރާނީ ސޯޑާ ލައިމް އާއި އެއްކޮށް، ހައި-ޑެންސިޓީ ޕޮލިއެތިލީން (އެޗްޑީޕީއީ) ފީފާތަކަށް އެޅުމަށްފަހު، ސިމެންތި އަޅައި ބަންދުކޮށްގެންނެވެ. އަދި މިގޮތަށް ބަންދުކުރާ ތަކެތީގައި އެތެރޭގައި ހުރި ތަކެތި އެނގޭނޭހެން ލޭބަލް ކުރުމަށްފަހު ފެސިލިޓީގައި ރައްކާކުރެވޭނެ އެވެ.
މި ފެސިލިޓީ ގާއިމުކުރުމަށްޓަކައި ހިތަދޫގައި ހުންނަ ވަގުތީ ނުރައްކާތެރި ކުނި ރައްކާކުރާ ސަރަހައްދާ އިންވެގެންވާ ބިން މިހާރު ވަނީ ކޮންޓްރެކްޓަރާ ހަވާލުކޮށްފައެވެ. ދައުލަތުގެ މީޑިއާއިން ބުނެފައިވާ ގޮތުގައި މި މަރުކަޒުގެ އަމަލީ މަސައްކަތްތައް މިއަހަރުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެއެވެ.



