- Advertisement -spot_img

ހުޅުމާލެ އަކީ އާއިލާތަކަށް ހިތްފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި

ހުޅުމާލެއަކީ އާއިލާތަކަށް އިތުރަށް ހިތްފަސޭހަ އަދި ރައްކާތެރި ސިޓީއަކަށް ހެދުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެޑްވޮކޭޓިންގ ފޯ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އާ ދެމެދު ފަހުމުނާމާ (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ފަރާތް ގުޅިގެން ހުޅުމާލޭގައި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ތިމާވެށީގެ ރައްކާތެރިކަމާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމާއި، ދެމެހެއްޓެނިވި އުސޫލުތައް ކުރިއެރުވުމަށް ވެސް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރާނެއެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި މުޖުތަމައުގެ އެންމެންނަށް ބައިވެރިވެވޭ ފަދަ ހިތްފަސޭހަ މައިޒާންތަކާއި ބިންތައް ތަރައްގީކުރުން ހިމެނެއެވެ. މި ޕާޓްނަޝިޕްގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގައި ދިރިއުޅޭ އާއިލާތަކަށް އުޖާލާ އަދި ފާގަތި މުސްތަގުބަލެއް ބިނާކޮށްދިނުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އާކް އަކީ ރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، އެކުދިންގެ ދުޅަހެޔޮކަމަށް ވަކާލާތުކޮށް ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ މަދަނީ ޖަމިއްޔާއެކެވެ.

އެޗްޑީސީން ހުޅުމާލެ ތަރައްގީކުރުމުގެ މަސައްކަތަށް 25 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ހުޅުމާލެއަކީ ހުރިހާ ގޮތަކުން ވެސް އާއިލާތަކާ ރައްޓެހި ވެއްޓެއް ގާއިމުވެފައިވާ ތަނަކަށް ހެދުމަށް އެ ކޯޕަރޭޝަނުން ދަނީ ހާއްސަ އިސްކަމެއް ދެމުންނެވެ.

ގުޅުންހުރި ލިޔުންތައް