އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ ލިމިޓެޑް (އައިޑީއެސް) ގެ ބޯޑުގެ އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރުކަމަށް މަރްޔަމް ނަޒުލީނާ 30 ޖުލައި 2026 ގައި އައްޔަނުކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑުން ހާމަކުރި ގޮތުގައި ދަފްތަރު ނަންބަރު ރސ 8557 މަރްޔަމް ނަޒުލީނާއަކީ މާލީ ރިޕޯޓިންގއާއި ދައުލަތުގެ މާލީ ނިޒާމުތަކާއި އިންޓެގްރޭޓެޑް ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމްތަކުގެ ދާއިރާއިން 15 އަހަރަށްވުރެ ދިގު ތަޖުރިބާއެއް ހޯއްދަވާފައިވާ ފަންނީ ބޭފުޅެކެވެ. އެކަމަނާ މިހާރު ހުންނެވީ ފިނޭންސް ވުޒާރާގެ ސީނިއަރ އައިއެފްއެމްއައިއެސް ފައިނޭންސް ސްޕެޝަލިސްޓްގެ މަގާމުގައެވެ.
ނަޒުލީނާ ވަނީ ސެޕް ސިސްޓަމް ގާއިމުކުރުމާއި އެ ނިޒާމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ރޮނގުން 13 އަހަރަށްވުރެ ގިނަ ދުވަހު އަމަލީ ގޮތުން މަސައްކަތްކުރައްވައި ސެޕް އެފްއައި ބޭނުންކުރާ 200 އަށްވުރެ ގިނަ މުވައްޒަފުންނަށް ތަމްރީނު ދެއްވާފައެވެ. އޭގެ އިތުރުން އެކަމަނާ ވަނީ މާލީ ރިޕޯޓިންގ ޓީމުތަކުގެ އިސް މަސައްކަތްތައް ބެލެހެއްޓެވުމާއި ދައުލަތުގެ އިންވެސްޓްމަންޓްތައް މޮނިޓަރކުރެއްވުމުގެ މަސައްކަތުގައި ބައިވެރިވެވަޑައިގެންފައެވެ. ހަމައެއާއެކު އައިޕީއެސްއޭއެސް އަދި އެކްރޫއަލް އެކައުންޓިންގގެ އިސްލާހީ މަސައްކަތްތަކުގައި ވެސް އެކަމަނާގެ ހިއްސާ ފާހަގަކޮށްލެވެއެވެ.
ނަޒުލީނާ ވަނީ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުން އެމްބީއޭ ހާސިލުކުރައްވައި މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީން އެކައުންޓިންގގެ ދާއިރާއިން ބެޗެލާ އޮފް ކޮމާސް ފުރިހަމަކުރައްވާފައެވެ.



