އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޖިނާއީ އިޖުރާއަތުގެ ގަވާއިދު އިސްލާހުކޮށްފިއެވެ.
އޭސީސީން ބުނީ މި އިޞްލާޙުގެ މައިގަނޑު މަޤުޞަދަކީ ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤު ކުރުމުގެ ނިޒާމު ހަރުދަނާކޮށް، ނަތީޖާ ނެރެވޭނެ އުސޫލުތަކެއްގެ މަތިން ކުރިއަށް ގެންދިއުމާއި، ތަޙުޤީޤުތަކުގެ އަވަސްކަން އިތުރުކުރުން ކަމަށެވެ.
މި އިޞްލާޙުގެ ދަށުން، ކޮމިޝަނަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ވެސް، ނިންމާނެ މުއްދަތެއް ކަނޑައެޅުމަށްޓަކައި، ތަޙުޤީޤު ފެށުމުގެ ކުރިން، އެ މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށް، ’އެސެސްމަންޓެއް‘ ހެދުން ލާޒިމުކޮށްފައިވެއެވެ.
މައްސަލަތައް އެސެސްކުރުމުގައި މުޖުތަމަޢުގެ މަސްލަޙަތު، މާލީ ގެއްލުން، ހެކި ނައްތާލުމުގެ އިހުތިމާލު، އަދި ނުފޫޒު ފޯރުވުމުގެ ފުރުސަތު ފަދަ 10 މިންގަނޑަކަށް ބަލައި، މައްސަލަތައް ކެޓަގަރީކޮށް، އެ ކެޓަގަރީތަކާ އެއްގޮތަށް މައްސަލަތައް ނިންމުމަށް ވަކި މުއްދަތުތަކެއް ކަނޑައަޅަން ލާޒިމު ކުރެއެވެ.
އަދި, މި އިޞްލާޙުގެ ދަށުން ކަނޑައަޅާފައިވާ މުއްދަތަށް މައްސަލަ ނުނިންމޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، މުއްދަތު އިތުރުކުރެވޭނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން، މުއްދަތު މުރާޖަޢާކޮށްގެންނެވެ.
އޭސީސީން މި އިޞްލާޙް ގެނެސްފައިވަނީ، ކޮމިޝަނުގެ އައު ސްޓްރެޓެޖިކް ޕްލޭނުގެ ދަށުން، ތަޙުޤީޤުތައް ހަރުދަނާކޮށް، ތަޙުޤީޤު ލަސްވުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ކުރިޔަށް ގެންދާ މަސައްކަތްތަކުގެ ތެރެއިންނެވެ.
މި އިޞްލާޙާއެކު، އޭސީސީގެ ތަޙުޤީޤީ އޮނިގަނޑު އިތުރަށް ހަރުދަނާވެ، ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ޢަމަލުކުރާ އިޖުރާއަތުތައް މިހާރަށްވުރެ ހަރުދަނާވެގެންދާނެ ކަމަށް އޭސީސީން ބުނެ އެވެ.



