- Advertisement -spot_img

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކާ ސްޓެލްކޯ އިން ހަވާލުވެއްޖެ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކް ބެލެހެއްޓުމާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރަސްމީކޮށް މިއަދު ހަވާލުވެއްޖެއެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ކަރަންޓުގެ ނެޓްވޯކްއަކީ، އެޗްޑީސީނން ޗައިނާގެ ކުންފުންޏަކާއި ހަވާލުކޮށްގެެން އެޅި ނެޓްވޯކްއެކެވެ. އެ ނެޓްވޯކްގެ ކަންކަން މިހާތަނަށް ބަލަހައްޓަމުންދިޔައީ ޗައިނާ ކުންފުންޏާއި ގުޅިގެން، އެޗްޑީސީންނެވެ.

މި ކަރަންޓްގެ ނެޓްވޯކާއި ހަވާލުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސްޓެލްކޯ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފަ އެވެ. ސްޓެލްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ (ރޓޑ) ޢަލީ ޒުހައިރު އެވެ.

މި އެއްބަސްވުމުގެ ދަށުން ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނާއި، ކުރުމާއި ނެޓްވޯކް ބެލެހެއްޓުމުގެ ކަންކަން ދެން ކުރާނީ ސްޓެލްކޯ އިންނެވެ.

މި ރަސްމިއްޔާތުގެ ތެރެއިން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްޓެލްކޯގެ އެމްރޖެންސީ ރެސްޕޮންސް ސެންޓަރެއް ގާއިމްކުރުމަށް ބޭނުންވާ ޖާގަ ވެސް އެޗްޑީސީން ވަނީ އެ ކުންފުންޏާ ހަވާލުކޮށްފަ އެވެ. މިއީ ކަރަންޓުގެ ހިދުމަތަށް ދިމާވާ ކުއްލި މައްސަލަތަކުގައި އަވަސް ހައްލެއް ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މީގެ އިތުރުން، ސްޓެލްކޯގެ ފަރާތުން މިއަދު ވަނީ އެޗްޑީސީއަށް ލައިޓް ޕޯސްޓްތަކެއް ވެސް ހަދިޔާކޮށްފަ އެވެ. މި ލައިޓް ޕޯސްޓްތަކަކީ ހުޅުމާލޭގެ މަގުތައް އަލިކުރުމަށް ކުރިއަށްދާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ހަދިޔާކުރި ތަކެތި ކަމަށް ސްޓެލްކޯ އިން މައުލޫމާތު ދެއެވެ.

ގުޅުންހުރި ލިޔުންތައް