އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަސްދީގު ނުކުރައްވައި އަނބުރާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާލެއްވީ، ޖަލު ބަންދުގައި ތިބޭ ގައިދީންނަށް ގުނަވަން ހަދިޔާކުރުމުގެ ފުރުސަތު އެ ބިލުގައި އޮތުމުންކަން ހާމަވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ތަސްދީގު ކުރުމަށް ފޮނުވި އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވައި، މެއި މަހުގެ އެއްތިރީސް ވަނަ ދުވަހު ވަނީ އަނބުރާ ފޮނުވާލައްވާފައެވެ. ނަމަވެސް އެ ބިލު ތަސްދީގު ނުކުރެއްވި ސީދާ ސަބަބު މީގެ ކުރިން ހާމަކޮށްފައެއް ނުވެއެވެ. ރައީސް މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ބަޔާންކުރައްވާފައިވަނީ، ޓްރާންސްޕްލާންޓް ކުރުމަށް ގުނަވަން ހަދިޔާކުރުމުގެ ފުރުސަތު ގައިދީންނަށް ލިބޭގޮތަށް މަޖިލީހުން ބިލަށް ގެނެސްފައިވާ އިސްލާހުތަކާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ބަންދެއްގައި ތިބޭ މީހުންނަކީ އެމީހުންގެ އަމިއްލަ އިހުތިޔާރާއި މިނިވަންކަން ގެއްލި، ހާއްސަ ހާލަތެއްގައި ތިބޭ ބަޔެކެވެ. އެހެންކަމުން، އެފަދަ ހާލަތެއްގައި ތިބޭ ބަޔަކު ފުރިހަމަ ރުހުމާއެކު އަދި އެއްވެސް ބާވަތެއްގެ މަޖުބޫރުކަމެއް ނެތި ގުނަވަނެއް ހަދިޔާކުރުން ފަދަ ކަމަކަށް ރުހުން ދެވިދާނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށް އެ ސިޓީފުޅުގައި ބަޔާންކޮށްފައިވެއެވެ. މިއާއެކު، ގުނަވަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ބިލު އަލުން ދިރާސާކުރުމަށްޓަކައި ކޮމިޓީއަށް ފޮނުވުމަށް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ ނިންމާފައެވެ.
މި ބިލަކީ މެއި މަހުގެ ސާދަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، މެއި މަހުގެ ނަވާރަ ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ތަސްދީގު ކުރުމަށް ފޮނުވި ބިލެކެވެ. މި ބިލުގެ މައިގަނޑު މަގުސަދަކީ އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ މެޑިކަލް ޕްރޮސީޖާތައް ރާއްޖޭގައި ކުރިއަށްގެންދިޔުމުގެ ހުއްދަ ދިނުމާއި، އެފަދަ މަސައްކަތްކުރާ ތަންތަނުގައި ހުންނަންޖެހޭ ފެންވަރު ކަނޑައަޅައި ހުއްދަ ދިނުމެވެ. މީގެ އިތުރުން، މި ހިދުމަތް ހޯދާ ފަރާތްތަކަށާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލިބިދޭންޖެހޭ ހައްގުތައް ވެސް މި ބިލުގައި ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ



