1448 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އިސްލާމީ ޢީދުތައް ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވަޒީރު ޝަހީމް ވިދާޅުވީ، އިސްލާމިކް މިނިސްޓްރީގެ ޚާއްޞަ ކޮމިޓީއަކުން މި ޕްލޭން އެކުލަވައިލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
މި ޕްލޭންގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް ޢީދުގެ އުފާވެރިކަން ފާޅުކުރުމަށް ރޭވުންތެރި ހަރަކާތްތަކެއް ހިންގުމެވެ.
މި ޕްލޭންގެ ދަށުން ކައުންސިލްތަކާއެކު މަޝްވަރާކޮށްގެން، އަތޮޅުތަކުގައި ޙަރަކާތްތެރިވާ އިސްލާމީ ޚިދުމަތްދޭ މަދަނީ ޖަމިއްޔާތައް ބައިވެރިކޮށްގެން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ވަކިން ޚާއްޞަކޮށް ސިޓީތަކުގައި ޢީދު ފާހަގަކުރުމުގައި މުހިންމު އިވެންޓްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން، މި މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން ސަޤާފަތާ ބެހޭ ވުޒާރާއާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވަޒީރު ޝަހީމް ފާހަގަކުރެއްވިއެވެ.
މިއީ އިސްލާމީ އުޞޫލުތަކާއި ދިވެހި ސަޤާފަތުގެ ތެރެއިން ޢީދުގެ ފޯރި ގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.



