- Advertisement -spot_img

ސުލަހައިގެ ވާހަކަތައް ދައްކަމުން އެމެރިކާއިން އަނެއްކާވެސް އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި

އެމެރިކާގެ އުދުވާނީ ބާރުތަކުން އަނެއްކާވެސް އީރާނަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.

ހަމަލާ ދީފައިވަނީ އީރާނުގެ ދެކުނުގެ ބަންދަރު އައްބާސްގައި ހުރި އަސްކަރީ ސައިޓަކަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އީރާނަށް ވައިގެ ހަމަލާތައް ދިނުމަށްފަހު އެމެރިކާގެ ސެކްޓްރަލް ކޮމާންޑުން ބުނެފައިވަނީ، ހަމަލާދިނީ އެމެރިކާގެ މަނަވަރަކަށް އަމާޒުކޮށް އީރާނުން ހަތަރު ޑްރޯން އުދުއްސާލުމުން ކަމަށެވެ. އަދި ވައިގެ ހަމަލާދިނީ ޑްރޯންތައް އުދުއްސާލި ތަނަށް ކަމަށްވެސް ބުނެފައި ވެއެވެ.

އީރާނުން ފޮނުވާލި ހަތަރު ޑްރޯންވެސް އެމެރިކާ ސިފައިން ހަމަލާދީ ވައްޓާލި ކަމަށް ބުނެފައި ވެއެވެ. ނަމަވެސް، އީރާނުގެ އަސްކަރިއްޔާގެ ޚަބަރުތައް ގެނެސްދޭ ފާރސް ނޫސް އޭޖެންސީން ބުނެފައިވަނީ، ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށާއި، އީރާނު އަސްކަރިއްޔާއިން އެކަން ބަލަމުންދާ ކަމަށެވެ.

އެމެރިކާ ސިފައިން ވައިގެ ހަމަލާދިން ސަރަހައްދުން ބާރުގަދަ އަޑުފަށްގަނޑުތަކާއެކު ބޯދުން އަރަމުންދާ މަންޒަރު ފެންނަ ކަމަށް މުރާސިލުން ބުނެއެވެ.

އީރާނަށް ވައިގެ ހަމަލާތައް ދިނުމަށްފަހު އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލަކު އެމެރިކާގެ ސީބީއެސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެމެރިކާ ސިފައިން ދިނީ ދިފާއީ ހަމަލާތަކެއް ކަމަށާއި، ވައިގެ ހަމަލާ ދިން ނަމަވެސް ހަނގުރާމަ ހުއްޓާލުމަށް އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުން ދެމިއޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އޮތްނަމަވެސް، އެމެރިކާގެ މަނަވަރުތަކަށާއި، އެމެރިކާ ސިފައިންނަށް ނުރައްކާ “އޮތްކަމަށް” ބަލައި އީރާނަށް ދޭތެރެ ދޭތެރެއިން ގެންދަނީ އެއްބަސްވުމާ ޚިލާފްވެ ވައިގެ ހަމަލާތައް ދެމުންނެވެ. ކުރިން ފަހަރުތަކުގައިވެސް އެމެރިކާއިން ބަންދަރު އައްބާސް ކަރިއަށް ބޮންއެޅީ އީރާނުން ހަމަލާއެއް ދީގެނެއް ނޫނެވެ.

މިފަހަރުވެސް އީރާނުން އެމެރިކާ ސިފައިންނާއި  މަނަވަރުތަކަށް ނުރައްކާވާގޮތަށް ޑްރޯންތައް އުދުއްސާލީ ކަމަށް ބުނި ނަމަވެސް، އީރާނުން އެކަމާ ގުޅޭގޮތުން އަދި އެއްޗެއް ނުބުނެއެވެ. އެމެރިކާއިން ދިން ވައިގެ ހަމަލާތަކުގެ ރައްދުގައި އީރާނުން އެމެރިކާ ސިފައިންނަށް އެތައް ޑްރޯން ހަމަލާތަކެއް ދެމުންގެންދާ ކަމަށް ބައެއް ރިޕޯޓްތައް ބުނިނަމަވެސް އެކަން އަދި ކަށަވަރެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް