- Advertisement -spot_img

އީދު ފާހަގަކުރާއިރުއިސްލާމީ އުސޫލުތަކުގައި ހިފެހެއްޓުމަށް ރައީސް އިލްތިމާސްކުރައްވައިފި

އަޟްޙާ ޢީދުގެ އުފާފާޅުކުރުންތައް ކުރިއަށްގެންދާއިރު އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފަހައްޓައި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރައްޓެހި ކަންކަމުން ދުރުހެލިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ އެންމެހައި މުސްލިމް އަޚުންނަށާއި އުޚުތުންނަށް އަދި މުޅި އިސްލާމީ އުންމަތަށް ޢީދުގެ ތަހުނިޔާ ފޮނުއްވާފައިވެއެވެ. އަޟްޙާ ޢީދަކީ އުޟްޙިޔާ ކަތިލުމާއި، ހަދިޔާބަދިޔާ ބަދަލުކުރުމުގެ އިތުރުން ތަނަވަސްކަމުގެ އަހުލުވެރިން ނިކަމެތި ފަޤީރުންނަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ މުނާސަބަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިކަންކަމުގެ ސަބަބުން މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ރަނގަޅުވެ، އެކުވެރި ބަދަހި ބައެއްގެ ގޮތުގައި ކުރިއަށް ދިޔުމުގެ ހިތްވަރު އާވެގެންދާނެކަމަށް ވިދާޅުވިއެވެ.

ޤައުމުގެ މާދަމާގެ އުންމީދު ކަމުގައިވާ ޒުވާން ޖީލަށް ރިވެތި އަޚުލާޤީ ސިފަތައް ދަސްކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ރައީސްގެ ޚިޠާބުގައި އަލިއަޅުއްވައިލެއްވިއެވެ. މުޖުތަމަޢުގެ ނިކަމެތިންނާއި އެކަނިވެރިންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދިނުމަކީ ތިމާގެވެސް އުފާކަމުގައި ދެކުމަށް މި ޢީދު ދަސްކޮށްދޭކަން ހަނދާންކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޢީދުގެ ސަބަބުން އާލާވެގެންދާ އެއްބައިވަންތަކަމުގެ މާތް ގުޅުމަކީ، މުޅި ޤައުމުގައި އަމާންކަމާއި ސުލްހަވެރިކަން ދެމެހެއްޓުމަށް ލިބިދޭ ވަރުގަދަ ބާރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ. މީގެ އިތުރުން، ޢީދުގެ ޙަޤީޤީ ޖައުހަރަކީ ތަޤުވާވެރިކަމުގެ ސާފު ފޭރާމުން ނަފުސް ޒީނަތްތެރިކޮށް، ދީނާއި ޙައްޤުގެ މަގު އިސްކުރުމުގެ ޢަޒުމް އާކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް