1447 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ފުރާ ޙައްޖުވެރިންގެ ދެވަނަ ގުރޫޕު ފުރައިފިއެވެ. ޙައްޖުވެރިން ފުރާފައިވަނީ މިއަދު ހެނދުނު 8:04 ގައި ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.
މި ފްލައިޓުގައި 260 ޙައްޖުވެރިން ވަނީ ސަޢުދީ ޢަރަބިއްޔާއަށް ފުރާފައެވެ. ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕުގައި 238 ޙައްޖުވެރިން މިހާރު މައްކާއަށް ދިއުމަށްފަހު ފުރަތަމަ ޢުމްރާ ފުރިހަމަކޮށްފައިވެއެވެ.
މިއަދު މައްކާއަށް ދާ ދެވަނަ ފްލައިޓުގެ ޙައްޖުވެރިންނަށްވެސް ހޫނު މަރުޙަބާއެއް ކިއުމަށް ދިވެހި ޙައްޖު މިޝަނާއި، ޙައްޖު ކޯޕަރޭޝަނުން އަންނަނީ ތައްޔާރުވަމުންނެވެ.
މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ދިއުމަށް ހަމަޖެހިފައިވާ ބާކީ ތިބި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 އަދި 19 ވަނަ ދުވަހުއެވެ.
މިއަހަރުވެސް ދިވެހި ޙައްޖުވެރިން ދަތުރުކުރަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުންނެވެ. މީގެ ސަބަބުން ޙައްޖުވެރިންގެ ދަތުރަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބޭކަން ފާހަގަކޮށްލެވެއެވެ.



