- Advertisement -spot_img

ޚަރަދު ކުޑަކުރުމުގެ ގޮތުން ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ މުސާރައިގެ %10 ކުޑަކޮށްފި

ސިޔާސީ މަގާމުތަކުގައި ތިބި މުވައްޒަފުންގެ މުސާރައިގެ 10 އިންސައްތަ ކުޑަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޒަމީރު މި މޭރުމުން ވިދާޅުވީ މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެ ކަންކަން ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ ސަރުކާރުން މުވައްޒަފުންގެ މުސާރަތައް އެއްހަމަކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ސިޔާސީ މުވައްޒަފުންގެ މުސާރަ މިހާރު ކުޑަކޮށްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެ މުވައްޒަފުންގެ މުސާރަ 10 އިންސައްތަ ކުޑަކޮށްފައިކަމަށް މިނިސްޓަރު ޒަމީރު ފާހަގަކުރެއްވިއެވެ.

”އަޅުގަނޑަށް ހީވަނީ ޖަނަވަރީ 2025 އިން ފެށިގެން އޮންނާނީ 10 އިންސައްތަ ދަށްކޮށްފައި ހެން އޭރު ދެމުން އައި މުސާރައަށްވުރެ، އެހެންވީމަ އިތުރުވަމުން ނުދާނެކަމުގެ ޔަގީންކަން އެބައޮތް،“ – މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

ސިޔާސީ މަގާމުތަކުގައި ތިބޭ މުވައްޒަފުންގެ މުސާރައަށް ދައުލަތުން ކުރާ ހަރަދުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ސިޔާސީ މުވައްޒަފުންގެ މުސާރައަށް ދައުލަތުން ހަރަދު ކުރަނީ ދައުލަތުގެ ޖުމުލަ ހަރަދުގެ އެންމެ 0.9 އިންސައްތަ ކަމަށެވެ. މުޅި ދައުލަތުގެ ޕޭރޯލްއަށް ބަލާއިރު އެއީ 3.9 އިންސައްތައެވެ.

މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ޕީސީބީއަށް މިހާރު އަންގާފައިވާ ކަމަށެވެ. މީގެ އިތުރުން ރައީސް މުޢިއްޒު ވައުދުވެވަޑައިގެންފައިވާ ފަދައިން ކުންފުނިތަކަށް މުވައްޒަފުން ނަގާނީ ދެފުށް ފެންނަ ގޮތެއްގައި އިއުލާނުކޮށްގެން ކަމަށާއި، ސިޔާސީ ނުފޫޒުން މަގާމުތަކަށް މީހުން އައްޔަންކުރުން ހުއްޓާލާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް