ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ”އުފަކާރަ“ ތަމްރީން ޕްރޮގްރާމް މާލެ ސިޓީގައި ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
އުފަކާރަ ތަމްރީނު ޕްރޮގްރާމަކީ ކާބޯތަކެތި އުފައްދާ އަދި ވިއްކާ ފަރާތްތަކަށް ކާބޯތަކެތީގެ ރައްކާތެރިކަމާއި ފެންވަރު ރަނގަޅު ކުރުމަށްޓަކާ ހިންގާ ޕްރޮގްރާމެކެވެ. މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގެ ކޮންފަރެންސް ހޯލްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ޖުމްލަ 19 ފަރާތަކުން ވަނީ މި ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. މި ފަރާތްތަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ. މީގެ އިތުރުން މި ތަމްރީން ޕްރޮގްރާމްގައި ފެސިލިޓޭޓްކޮށްދެއްވި 17 ފެސިލިޓޭޓަރުންނަށްވެސް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެކަމަނާއެވެ.
ކާބޯތަކެތި އުފައްދާ ތައްޔާރު ކުރާ ފަރާތްތައް ކާބޯތަކެތީގެ ރައްކާތެރިކަމަށް އަހުލުވެރި ކުރުމުގެ ‘’އުފަކާރަ’’ ޕްރޮގްރާމް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ފަށާފައިވަނީ 2017 ވަނަ އަހަރުއެވެ. މިހާތަނަށް ގްރޭޓަރ މާލޭ ސަރަހައްދުގެ އިތުރުން ޅ. އަތޮޅު، މ. އަތޮޅު، ހދ. ކުޅުދުއްފުށި، ނ. ވެލިދޫ، ޏ. ފުވައްމުލައް، ލ. އަތޮޅު އަދި ފ. އަތޮޅުގައި މި ޕްރޮގްރާމް ވަނީ ހިންގާފައެވެ.
މި ރަސްމިއްޔާތުގައި ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު، އަލްފާޟިލާ ޤީލާ ޢަލީ ގެ އިތުރުން ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



