- Advertisement -spot_img

ރަސްމާލޭގެ ބޮޑު ބައެއް ހިއްކާ ނިންމާލައިފި

ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ 50 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެ ފޭސް އެއްކޮށްލުމުންވާ ވަރުގެ ސަރަހައްދެއް މިހާރު ހިއްކައި ނިމިފައިވާ ކަމަށެވެ.

”ރަސްމާލެ މަޝްރޫއުގެ 50 ޕަސަންޓަށްވުރެ ބޮޑު ބައެއް މިހާރު ވަނީ ހިއްކިފައި. އެއީ 504 ހެކްޓަރު، އެއީ ނިސްބަތުން ބަލާ ކަމުގައިވަންޏާ ހުޅުމާލެ ދެ ފޭސް އެއްކޮށްލީމަ އެވަރުގެ ބިމެއް ގާތްގަނޑަކަށް ހިއްކިފަ އެއޮތީ، ބާކީ އޮތްބައި ހިއްކުމުގެ މަސައްކަތް ކުރިއަށް އެބަދޭ،“ މިނިސްޓަރު ވިދާޅުވި އެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ މުޅި ދުނިޔޭއިންވެސް އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ ’ކްރިސްޓޯބަލް ކޮލޯން‘ ޑްރެޖަރު ބޭނުންކޮށްގެންނެވެ.

ރަސްމާލެ މަޝްރޫޢަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިންމު ވަޢުދުފުޅަކަށްވާއިރު، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަހަރު ބޭއްވި ރަސްމީ ޖަލްސާގައި، ޤައުމާ މުޚާޠަބުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ 5 މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15000 ގޯތި ދޫކުރުމަށް އިޢުލާންކުރެވޭނެކަމުގައި ވިދާޅުވެފަ އެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޢުމުރުން 18 އަހަރުން މަތީގެ ރައްޔިތުންގެ ތެރެއިން އެއްވެސް ވަރަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބިފައި ނެތް ފަރާތްތައް ހިމެނޭހެން އާއިލީ ބޯހިޔާވަހިކަމެއް ފޯރުކޮށްދެއްވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ކ. ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ތިމާވެއްޓާ ރައްޓެހި ”އިކޯ ސިޓީ“ އެއްގެގޮތުގައި ތަރައްޤީކުރާ ރަސްމާލެ ތަރައްޤީކުރުމަށް 1،153 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް