ހުކުރު, މާރޗް 14, 2025
spot_img
- Advertisement -spot_img

ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓުވާލުމަކީ ޔަހޫދީން ބައިނަލްއަޤްވާމީ އިންސާނިއްޔަތުކަމުގެ ޤާނޫނާ ޚިލާފުވުން: ޔޫރަޕުގެ ގައުމުތައް

އިސްރާއީލުގެ ޣައްޒާއަށް އެހީ ފޯރުކޮށްދިނުން ހުއްޓުވާލުމަކީ އިންސާނިއްޔަތުކަމުގެ ޤާނޫނާ ޚިލާފުވުމެއް ކަމަށް ވެދާނެކަމަށް ޔޫރަޕުގެ ޤައުމުތަކުން ބުނެފިއެވެ.

އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތުން ޔަހޫދީ އިސްރާއީލަށް ގޮވާލަނީ ހަނގުރާމަ ހުއްޓާލުމުގެ ޝަރުތުތަކަށް ޢަމަލުކުރުމަށެވެ. އަދި އެހީ ފޯރުކޮށްދިނުން ހުއްޓުވާލުމަކީ އިންސާނިއްޔަތުކަމުގެ ޤާނޫނާ ޚިލާފުވުމުގެ ނުރައްކަލެއް ކަމަށް އެގައުމުތަކުން ވަނީ އިންޒާރުކޮށްފައެވެ.

ފާއިތުވި ހަފްތާގައި އިސްރާއީލުން އިޢުލާނުކުރި ޣައްޒާއަށް އެހީ ފޯރުކޮށްދިނުން ހުއްޓުވާލުމަކީ ބައިނަލްއަޤްވާމީ އިންސާނިއްޔަތުކަމުގެ ޤާނޫނާ ޚިލާފުވުމެއް ކަމަށް ވެދާނެ ކަމަށް ޔޫރަޕުގެ ތިން ޚާރިޖީ ވަޒީރުންގެ ބަޔާނެއްގައި ވަނީ ވިދާޅުވެފައިވެއެވެ.

ބުދަ ދުވަހު ޝާއިޢުކުރި އެކުގައި ނެރުނު ބަޔާނެއްގައި، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް އަދި ޖަރުމަނުވިލާތުގެ ޚާރިޖީ ވަޒީރުން އިސްރާއީލުގެ ސަރުކާރަށް ގޮވާލާފައިވަނީ އެ ޤައުމުގެ ބައިނަލްއަޤްވާމީ ޒިންމާތަކަށް ޢަމަލުކުރުމަށާއި، ”ޣައްޒާގެ އާބާދީއަށް އިންސާނިއްޔަތުކަމުގެ އެހީ ފުރިހަމައަށް، އަވަހަށް، ރައްކާތެރިކަމާއެކު އަދި ހުރަހެއްނެތި ފޯރުކޮށްދިނުން ޔަޤީންކުރުމަށެވެ“.

އާދީއްތަ ދުވަހު އިސްރާއީލުން ޣައްޒާއަށް އެހީގެ ޝިޕްމަންޓްތައް ވެއްދުން ހުއްޓުވާލާފައިވަނީ، ފަލަސްޠީނުގެ ޖަމާޢަތް ޙަމާސްއާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ ނިމުމަކަށް އައުމާ ގުޅިގެންނެވެ. މިކަމުން ވޭތުވެދިޔަ ހަފްތާގައި ފެށުނު ރަމަޟާން މަހުގައި ބަނޑުހައިހޫނުކަމާއި އިތުރު ދަތިތަކާ ކުރިމަތިވެދާނެ ކަމުގެ ބިރު ޔަހޫދީންވަނީ ފަލަސްތީނުގައި އުފައްދާފައެވެ.

”އިސްރާއީލުގެ ސަރުކާރުން އިޢުލާނުކުރި ފަދައިން، ޣައްޒާއަށް މުދަލާއި ތަކެތި ވެއްދުން ހުއްޓުވާލުމަކީ ބައިނަލްއަޤްވާމީ އިންސާނިއްޔަތުކަމުގެ ޤާނޫނާ ޚިލާފުވުމުގެ ނުރައްކަލެއް“ ކަމަށް ތިން ވަޒީރުން ވިދާޅުވިއެވެ.

”އިންސާނިއްޔަތުކަމުގެ އެހީ ދިނުން އެއްވެސް ޙާލެއްގައި ހަނގުރާމަ ހުއްޓާލުމަކާ ގުޅުވައިގެން ނުވަތަ ސިޔާސީ ބޭނުމަކަށް ބޭނުންކޮށްގެން ނުވާނެއެވެ,“ މި ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ. އަދި ހުރިހާ ފަރާތްތަކަށްވެސް ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވެއެވެ.

މީގެ އިތުރުން، ބުދަ ދުވަހު، އދ. ގެ ސަލާމަތީ މަޖިލީހުގެ ޔޫރަޕުގެ ފަސް މެންބަރުން، އޭގެ ތެރޭގައި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ހިމެނޭގޮތަށް، އިސްރާއީލަށް ގޮވާލާފައިވަނީ ”ވަގުތުން ޣައްޒާއަށް އިންސާނިއްޔަތުކަމުގެ އެހީ ފޯރުކޮށްދިނުމަށް ފުރުޞަތު ދިނުމަށެވެ“. އަދި ހުރިހާ ފަރާތްތަކަށްވެސް ގޮވާލާފައިވަނީ ”ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެން އޮތް މަރުޙަލާތަކަށާއި ހަނގުރާމައިގެ ބަންދީން ދޫކޮށްލުމުގެ އެއްބަސްވުމަށް ކުރިއަށްދާނެ މަގެއް ހޯދުމަށެވެ“.

އިސްރާއިލުން ވަނީ ޣައްޒާގެ އެތައް އާއިލާއެއްގެ ދިރިއުޅުން ސުންނާފަތިކޮށްލާފަ

އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން އިސްރާއީލަށް ތުހުމަތުކޮށްފައިވަނީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުން ހުއްޓުވާލުމަކީ އިންސާނިއްޔަތުކަމާ ދެކޮޅު ކުށްތަކެއް ކަމަށާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވުން ކަމަށެވެ. 15 މަސް ދުވަހުގެ މުއްދަތަކަށް އިސްރާއީލުން މެދުކެނޑުމެއްނެތި ޣައްޒާއަށް ދިން ނަސްލު ނައްތާލުމުގެ ހަމަލާތަކުގެ ސަބަބުން ގާތްގަނޑަކަށް 50,000 ފަލަސްޠީނު މީހުން ވަނީ އެއްވެސް ރަހުމެއް ނެތި ޝަހީދުކޮށްލާފައެވެ. އަދި ޣައްޒާގެ އިމާރާތްތަކާއި މަގުތަކުގެ 70 އިންސައްތަ ވަނީ ހަލާކުވެފައެވެ.

ޙަމާސްއިން އިސްރާއީލަށް ތުހުމަތުކޮށްފައިވަނީ ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށެވެ. އިސްރާއީލުން މިހާރު ބޭނުންވަނީ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ 50 ދުވަހަށް އިތުރުކުރުމަށެވެ. އެއީ އަސްލު އެއްބަސްވެފައިވާ ގޮތަށް ދެވަނަ މަރުޙަލާއަށް ދިއުމުގެ ބަދަލުގައެވެ. އިސްރާއީލުން މާރޗް 1 ގައި ފުރަތަމަ މަރުޙަލާ ނިމުމުން ފިލަޑެލްފިއާ ކޮރިޑޯއިން އެ ޤައުމުގެ ބާރުތައް އަނބުރާ ގެންދަން ޖެހުނު ނަމަވެސް، އެކަން ކުރުމަށް އިންކާރުކޮށްފައިވެއެވެ. ޓްރަމްޕްގެ މެދުއިރުމަތީގެ ސަފީރު ސްޓީވް ވިޓްކޮފް ކުރިއަށް އޮތް ދުވަސްތަކުގައި މި ސަރަޙައްދަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓުކުރެވެއެވެ.

ބުދަ ދުވަހު، ދުނިޔޭގެ ކާބޯތަކެތީގެ ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބުނެފައިވަނީ ފަލަސްޠީނުގެ އެ ސަރަޙައްދުގެ ޢާންމު ކައްކާތަންތަނާއި ބޭކަރީތައް ހިންގުމަށް ކާބޯތަކެތި ލިބެން ހުރީ ދެ ހަފްތާއަށްވުރެ މަދު މުއްދަތަކަށް ކަމަށެވެ.

އަލްޖަޒީރާގެ ހާނީ މަޙްމޫދު، ޣައްޒާއިން ރިޕޯޓުކުރަމުން ބުނެފައިވަނީ އެހީ ފޯރުކޮށްދިނުން ހުއްޓުވާލުމުގެ ސަބަބުން ”ޣައްޒާގެ ހުރިހާ ސަރަޙައްދެއްގައިވެސް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރަމުންދާ“ ކަމަށެވެ.

”މިތާނގައި މީހުން ބަނޑުހައިވެފައި ތިބެނީ… އަދި މާކެޓުގައި ހުރި ތަކެތި މަދުވަމުންދަނީ,“ އޭނާ ބުނެފައިވެއެވެ.

”ކުރިން ލިބެން ހުރި އާންމު ތަކެތި، މިސާލަކަށް ފުށް، ބޭސް އަދި އެހެނިހެން އަސާސީ ބޭނުންތަކުގެ ތަކެތި، މިހާރު ވަނީ އަގުބޮޑުވެފައި ނުވަތަ ލިބެން ނެތް ހާލަތަކަށް ގޮސްފައި.“

އދ. ގެ ކުޑަކުދިންގެ އޭޖެންސީގެ ތަރުޖަމާނު ރޮސާލިއާ ބޮލެން ވިދާޅުވެފައިވަނީ އިންސާނިއްޔަތުކަމުގެ އެހީ، އޭގެ ތެރޭގައި ވެކްސިންތަކާއި އުމުރުން ހަގު ކުދިންނަށް ބޭނުންވާ ވެންޓިލޭޓަރުތައް ހުއްޓުވާލުމަކީ ”ކުޑަކުދިންނަށާއި އެކުދިންގެ މައިންބަފައިންނަށް ނުރައްކާތެރި ޙަޤީޤީ ނަތީޖާތަކެއް ނުކުންނާނެ“ ކަމެއް ކަމަށެވެ.

”އަޅުގަނޑުމެންނަށް އެ ތަކެތި ގެނައުމަށް ނުކުޅެދިއްޖެނަމަ، އާންމު ވެކްސިން ޖެހުން ހުއްޓިގެންދާނެ,“ އޭނާ ވިދާޅުވިއެވެ. ”ނިއޯނޭޓަލް ޔުނިޓްތަކަށް އުމުރުން ހަގު ކުދިންނަށް ފަރުވާ ދެވޭނެ ގޮތެއް ނޯންނާނެ، އެހެންވީމާ މިއީ އަޅުގަނޑުމެންނަށް ވަރަށް އަވަހަށް ކުރިމަތިވާނެ ޙަޤީޤީ ނަތީޖާއެއް، އެހީގެ ތަކެތި އަލުން ފޮނުވަން ނުފެށިއްޖެނަމަ.“

ޣައްޒާގައި ހުންނެވި ބޮލެން ވިދާޅުވެފައިވަނީ މިހާރު ހުރި ތަކެތި ވަނީ މިހާރުވެސް ގިނަ މިންވަރަކަށް އެ ސަރަޙައްދުގައި ބެހިފައި ކަމަށެވެ.

”ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ މަރުޙަލާއަކީ ހަމައެކަނި ހަނގުރާމައިގެ ޢަމަލުތައް ހުއްޓާލުމެއް ނޫން… މިއީ މިތާނގެ ޢާއިލާތަކަށް ލިބުނު ދިރުމެއް,“ އޭނާ އިތުރަށް ވިދާޅުވިއެވެ. ”މިތާނގެ މާޙައުލު ވަރަށް ބޮޑަށް ހިތްދަތިވެފައިވަނީ؛ އަޅުގަނޑު ވާހަކަދައްކާ ޢާއިލާތައް ވަރަށް ބޮޑަށް ކަންބޮޑުވެފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ވާނެ ގޮތާމެދު.“

ގުޅުންހުރި ލިޔުންތައް