ދުވަސްތަކަކަށްފަހު ދިވެހި ގައުމީ ފުޓުބޯޅަ ޓީމުގެ ފަރިތަކުރުންތައް ރޭގައި ފަށައިފިއެވެ.
މިއީ މި މަހު ރަށުން ބޭރުގައި ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ފަށާފައިވާ ޕްރެކްޓިސްއެކެވެ. އެގޮތުން ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 19 ވަނަ ދުވަހު ނުކުންނާނީ އިންޑިއާއާ ދެކޮޅަށެވެ. ބައިނަލްއަގުވާމީ އެކުވެރިކަމުގެ އެ މެޗު ކުޅޭނީ ޝިލޮންގުގެ ޖަވާހިރު ލާލް ނެހްރޫ ސްޓޭޑިއަމްގައެވެ.
އެއަށްފަހު މި މަހުގެ 25 ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ގައުމީ ޓީމު ނުކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފިލިޕީންސްގައެވެ.
ގައުމީ ޓީމު ކުޅެންޖެހޭ ފުރަތަމަ މެޗަށް އިންޑިއާއަށް ފުރާނީ މި މަހުގެ މެދުތެރޭގައެވެ. ގައުމީ ޓީމުން މި ދެ މެޗަށް ފަރިތަކުރުންތައް ފެށިއިރު، މި އަހަރަކީ ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެން ޖެހޭ އަހަރެކެވެ.

އެގޮތުން އޭޝިއަން ކަޕް ކޮލިފައިންގައި މިއަހަރު ހަ މެޗެއް ރާއްޖެއިން ކުޅޭނެއެވެ. އޭގެ ތެރެއިން ފުރަތަމަ ތިން މެޗު ރާއްޖެއިން ކުޅޭނީ ރަށުން ބޭރުގައެވެ. ފިލިޕީންސް މެޗަށްފަހު، ޖޫން މަހުގެ 10 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ އީސްޓް ޓިމޯއާ ދެކޮޅަށެވެ. އެއަށްފަހު އޮންނާނީ އޮކްޓޯބަރު ނުވަވަނަ ދުވަހު ތަޖަކިސްތާނާ ދެކޮޅަށް ކުޅޭ މެޗެވެ.
އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގައި ކުޅޭ މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗު އޮންނާނީ އޮކްޓޫބަރު މަހުގެ 14 ގައި ތަޖަކިސްތާނާއި ދެކޮޅަށް ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. އަދި ދެވަނަ މެޗުގައި ނޮވެމްބަރު މަހުގެ 18 ގައި ފިލިޕީންސްއާ ދެކޮޅަށް ކުޅުމަށްފަހު، ގައުމީ ޓީމުން ދެން ނުކުންނާނީ އަންނަ އަހަރުގެ މާޗު މަހުގެ 31 ގައި އީސްޓް ޓިމޯއާ ދެކޮޅަށެވެ.
ދިވެހި ގައުމީ ޓީމު ނުކުންނާނީ ރާއްޖޭގެ ކްލަބްތަކަށް ކޯޗުކަން ކޮށްދީފައިވާ ކޯޗު އަލީ ސުޒެއިންގެ އިރުޝާދުގެ ދަށުނެވެ. ގައުމީ ޓީމުން އެންމެ ފަހުން ކުޅެފައިވަނީ މިދިޔަ އަހަރު ބަންގްލަދޭޝް އާއެކު، އެ ގައުމުގައި ކުޅުނު އެކުވެރިކަމުގެ ދެ މެޗެވެ.