- Advertisement -spot_img

ގޭހުގެ އަގު ބޮޑުވުމުގެ ފުރުސަތު ސަރުކާރުން ނުދޭނެ: ސައީދު

ގޭހުގެ އަގު ބޮޑުވުމުގެ ފުރުސަތު ސަރުކާރުން ނުދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ގޭހުގެ އަގު ބޮޑުކުރަން ވިލާ ގޭހުން ވަނީ ނިންމާފައެވެ. އެގޮތުން އާއްމުކޮށް ގޭގޭގައި ބޭނުންކުރާ 10 ކިލޯގެ ގޭސްފުޅިއެއް ދެން ވިއްކާނީ 350ރ. އަށެވެ. މީ ކުރިން އެ ސައިޒުގެ ފުޅިއެއް ވިއްކަމުން އައި އަގަށްވުރެ 150 ރުފިޔާ ބޮޑު އަދަދެކެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަރުކާރުން ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ވަޒީރުންގެ ޚާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ މިކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ.

ސައީދު ވިދާޅުވީ ގޭހުގެ އާ ޝިޕްމަންޓެއް ވިލާ ގޭހަށް އަދި އެސްޓީއޯއަށް ވެސް މިރޭ ލިބޭނެ ކަމަށާއި ގޭހުގެ އަގު ބޮޑުވުމުގެ ފުރުސަތު ނުދޭން އެޅެންހުރި ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގޭސް ލިބުން ދަތިނުވާނެ ކަން ކަށަވަރު ކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އަދި ގޭހުގެ އަގު ބޮޑުވިޔަ ނުދީ ރައްޔިތުންނަށް ފޯރުކޮށް ދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ވިދާޅުވިއެވެ.

ގޭހުގެ އަގު މެނޭޖުކުރުމުގައި ހެދޭނެ ގޮތްތަކާ މެދު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމާއެކު މިއަދު ވަރަށް ގިނައިރު މަޝްވަރާ ކުރެއްވި ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

“މިރޭ ވިލާއަށް ވެސް އަދި އެސްޓީއޯއަށް ވެސް، ހަމަ ގައިމު ވެސް އެސްޓީއޯއަށް މިރޭ އެލްޕީޖީ ޝިޕްމަންޓް ލިބޭނެ. އެސްޓީއޯއާ އަޅުގަނޑުމެންގެ ކޮމިޓީން މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައި ބައްދަލުކުރިން މި ވާހަކަ ދައްކަން. ކޮބައިތޯ ސިނާރިއޯތަކަކީ، ކިހިނެއްތޯ ހެދޭނީ މި އަގު އަޅުގަނޑުމެން ބޭނުންވާ މިންގަނޑުގައި މެނޭޖުކުރުމަށްޓަކައި،” ސައީދު ވިދާޅުވިއެވެ،

ގުޅުންހުރި ލިޔުންތައް