ސްކޫލްތައް އޭސީ ކުރުމުގެ މަޝްރޫއުގެ ދަށުން ރ. އަތޮޅު މަދަރުސާ އޭސީކުރުމަށް ބޭނުންވާ އޭސީތައް ދުވާފަރަށް މިއަދު ގެންގޮސްފިއެވެ.
ސަރުކާރު ސްކޫލްތަކުގެ ކްލާސްރޫމްތައް އޭސީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެސްޓާސްއާއެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 58.4 މިލިއަން ރުފިޔާއަށެވެ.
މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ވިދާޅުވީ ރ. އަތޮޅު މަދަރުސާގެ ބެލެނިވެރިންގެ ޒަމާންވީ ކަންބޮޑުވުމަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހައްލު އަންނާނެ ކަމަށެވެ.
މެންބަރު މުހައްމަދު އަލީ ވިދާޅުވީ ހާއްސަކޮށް އާދަޔާ ޚިލާފަށް ހޫނު ދުވަސްވަރު ކްލާސް ރޫމްތަކުގައި އޭސީ ނެތުމުން ދަރިވަރުންނަށް ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
”މިދުވަސް ވަރަކީ ވެސް އާދަޔާ ޚިލާފަށް ހޫނު ދުވަސްވަރެއް. ރ. އަތޮޅު މަދަރުސާގެ ދަރިވަރުން ތައުލީމު ހާސިލުކުރާއިރު އެ ދަރިވަރުންނަށް ވަރަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހިފައި ވަނީ ހޫނު ހަދަކަމުން. ރާއްޖޭގައި އެތަކެއް ވެރިކަމެއް ނިމިގެން ހިނގައްޖެ. އެކަމަކު މިކަމަހަށް ހައްލެއް ގެނެސްދެއްވަން ކެރިވަޑައިގެންނެވި ހަމައެކަނި ރައީސަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު. އެކަން ދުވާފަރު ރައްޔިތުން އުފަލާއެކު ފާހަގަކުރޭ،“ މުހައްމަދު އަލީ ވިދާޅުވިއެވެ.
ރ. އަތޮޅު މަދަރުސާއެކޭ އެއްފަދައިން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގެ ހުރިހާ ސްކޫލެއް އޭސީކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްއެބަދެއެވެ.
”ކޫލް ކްލާސްރޫމް“ގެ ނަމުގައި ފަށާފައިވާ އެ މަޝްރޫއުގެ ދަށުން ކްލާސްރޫމްތަކުގައި ހަރުކުރާނީ 24،000 ބީޓީޔޫގެ 1500 އޭސީ އާއި 18،000 ބީޓީޔޫގެ 6500 އޭސީ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މީގެކުރިން ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގެ ސްކޫލްތަކުން ޖުމްލަ 3،704 ކްލާސްރޫމް އޭސީ ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވި އެވެ.



