- Advertisement -spot_img

މި ރޯދަމަހު ކަރަންޓާއި ފެނުގެ ބިލްތަކުން ޑިސްކައުންޓް ދިނުމަށް ސަކާރުކާރުން 160 މިލިޔަން ރުފިޔާ ޚަރަދުކުރާނެ

ރައީސުލްޖުމްހޫރިއްޔާ ވައުދުވެފައިވާ ގޮތަށް މި ރޯދަމަހު ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ރައްޔިތުންނަށް ދިނުމަށް ސަރުކާރުން 160 މިލިޔަން ރުފިޔާ ޚަރަދުކުރައްވާނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި ރޯދަމަހުވެސް ކަރަންޓު ބިލާއި ފެން ބިލުން ރައްޔިތުންނަށް ޑިސްކައުންޓެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކޮށްފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. ވޭތުވެދިޔަ އަހަރުގެ ރަމަޟާން މަހު ގޭބީސީ ތަކުގެ ކަރަންޓާއި ފެނަށް ޑިސްކައުންޓް ދިނުމަށް ސަރުކާރުން ވަނީ 130 މިލިއަން ރުފިޔާ ޚަރަދު ކުރައްވާފައެވެ.

ރޯދަމަހާއި ދިމާކޮށް ރައްޔިތުންނަށް ލުއި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ގެންދަވަނީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެން އެކިއެކި އިނާޔަތްތައް ރައްޔިތުންނަށް ހަމަޖައްސައިދެއްވަމުންނެވެ. އެގޮތުން ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވުމަކީ މިގޮތުގެ މަތިން އެމަނިކުފާނުގެ ސަރުކާރުން ކުރައްވާ އެއް މަސައްކަތެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުއާވިޔަތު މުޙައްމަދު ވިދާޅުވީ ރަމަޟާން މަހަކީ ޢާންމު މަސްތަކަށްވުރެ ކުރާ ޚަރަދުތައް އިތުރުވާ މަހެއްކަމަށެވެ. އެހެންކަމުން ރައްޔިތުންގެ އަތުން ހިންގާ ޚަރަދުތައް ކުޑަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ. އަދި ކަރަންޓާއި ފެން ބިލުން ޑިސްކައުންޓް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީވެސް އެ މަޤުޞަދަށްޓަކައިކަން ޑރ. މުއާވިޔަތު ވަނީ އެ އިންޓަވިއުގައި ފާހަގަކުރައްވާފައެވެ.

ޑރ. މުއާވިޔަތު އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދާއި އެއްގޮތަށް ކަރަންޓާއި ފެން ބިލުން ރައްޔިތުންނަށް ޑިސްކައުންޓް ދެއްވުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ކުރައްވާނެކަމަށެވެ. އެގޮތުން މިއަހަރު މިކަމަށް 160 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރައްވާނެކަމަށް ޑރ. މުއާވިޔަތު ވަނީ ވިދާޅުވިއެވެ.

މީގެ އިތުރުން މި ރަމަޟާން މަހާއި ރައްޔިތުންކުރަންޖެހޭ ޚަރަދުތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންމެ ގޭބީސީއަކަށް 48 ދަޅުގެ މަސް ދަޅު ކޭހެއްވެސް ހަދިޔާކުރައްވާފައެވެ. އަދި ސަރުކާރުން ގެންދަވަނީ ކާބޯތަކެތީގެ އަގުތައް މައްޗަށް ދިޔަނުދީ ހިފެހެއްޓުމަށް ހަރުދަނާ މަސައްކަތެއް ރައްޔިތުންގެ ހައްގުގައި ކުރަމުންނެވެ. މީގެއިތުރުން އާއިލާއާއި އަޅުކަމަށް ވަގުތު ޚާއްސަކޮށްދެއްވުމުގެ ރޯދަމަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖެއްސެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވެރިކަމަށް ވަޑައިގަތުމަށްފަހު ވަނީ ނިންމަވާފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހަމަޖައްސައި ދެއްވި މި އިނާޔަތްތަކާއި ލުއި ފަސޭހަތަކާއިއެކު ރަމަޟާން މަހާއި ދިވެހިންގެ އާއިލާތައް ބައްދަލުކުރަނީ އުފާވެރިކަމާއި ހިތްހަމަޖެހުމާއެކުއެވެ.

ގުޅުންހުރި ލިޔުންތައް