- Advertisement -spot_img

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ބޮޑު ތަފާތަކުން ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމާ ވާދަކުރައްވައި، ބޮޑު ތަފާތަކުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބު ކާމިޔާބުކުރައްވައިފިކަން ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

މި އިންތިހާބުގައި ބަހައްޓާފައިވާ 241 ވޯޓު ފޮށީގެ ތެރެއިން 116 ފޮށީގެ ނަތީޖާ މިހާރު ވަނީ ލިބިފައެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ނަޝީދަށް ވަނީ 6600 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައެވެ. މިއީ ވޯޓުލީ މީހުންގެ 69 އިންސައްތައެވެ. ނަޝީދާ ވާދަކުރެއްވި މީކާއިލްއަށް ލިބިވަޑައިގަތީ ގާތްގަނޑަކަށް 3000 ވޯޓެވެ. އެއީ 30 އިންސައްތައެވެ. މިއަދު މެންދުރުފަހު ފެށި ވޯޓުލުމުގެ ކަންކަން ރޭގަނޑު ނުވައެއް ޖެހުމާ ހަމައަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ނަޝީދު މި އިންތިހާބުގައި ވާދަކުރެއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއެކު ”ބޮޑު ބަދަލު“ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ކުރިއަށް ގެންދަވަމުންނެވެ. މި ކެމްޕޭނުގެ މައިގަނޑު އަމާޒަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމެވެ. މި ބަދަލުގެ ދަށުން ދައުލަތުގެ އެންމެ މަތީ ވެރިޔެއްގެ ގޮތުގައި ރައީސަކު ހުންނެވުމުގެ އިތުރުން، ސަރުކާރު ހިންގުމަށް ވަކިން ވެރިޔަކު ހުންނަ ގޮތަށް ނިޒާމު ފަރުމާކުރުން ހިމެނެއެވެ. ފައްޔާޒް ވަނީ ނަޝީދު އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން މަރުހަބާ ވިދާޅުވެ، މިއީ ރާއްޖެއަށް ބޮޑު ބަދަލެއް ގެނައުމުގެ ފެށުންކަމަށް ސިފަކުރައްވާފައެވެ.

ނަޝީދު އަލުން އެމްޑީޕީގެ އިސް މަގާމަކަށް ވަޑައިގެންފައިވާއިރު، އެމަނިކުފާނު ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން ޕާޓީން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ. އޭގެ ފަހުން ސިޔާސީ ކަންކަމާ ދުރަށް ވަޑައިގަތުމަށްފަހު، ކްލައިމެޓް ވަލްނެރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރެއްވުމަށް ގާނާގައި ދިރިއުޅުއްވިއެވެ. ނަމަވެސް، މިދިޔަ އަހަރު އަލުން އެމްޑީޕީއާ ގުޅިވަޑައިގެން، ފަހުން ބޭއްވި ކައުންސިލް އިންތިހާބުގައި ވެސް އެމަނިކުފާނު ވަނީ ހަރަކާތްތެރިވެވަޑައިގެންފައެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވެފައިވަނީ ޕާޓީގެ އެތެރޭގެ ހަމަނުޖެހުންތަކާ ގުޅިގެން މިދިޔަ ނޮވެމްބަރު މަހު ފައްޔާޒް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ގުޅުންހުރި ލިޔުންތައް