- Advertisement -spot_img

ގްރާންޓުގެ ގޮތުގައި ކައުންސިލްތަކަށް 634 މިލިޔަން ރުފިޔާ ދޫކޮށްފި

މި އަހަރުގެ މިހާތަނަށް ކައުންސިލް ގްރާންޓުގެ ގޮތުގައި 634 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އިތުރުވުމެކެވެ. މާލީ ވުޒާރާގެ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ މިހާތަނަށް ދޫކުރި 634 މިލިޔަން ރުފިޔާއަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދޫކުރި 537 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 18 އިންސައްތައިގެ އިތުރުވުމެކެވެ.

ކައުންސިލްތަކަށް ފައިސާ ދޫކުރުމުގައި އެންމެ ބޮޑު އަދަދެއް ލިބެނީ ސިޓީ ކައުންސިލްތަކަށެވެ. މީގެ ތެރެއިން ވެސް އެންމެ ބޮޑު ބަޖެޓެއް ލިބޭ ކައުންސިލަކީ މާލޭ ސިޓީ ކައުންސިލްކަން ފާހަގަކުރެވެއެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކުގެ ގްރާންޓުގެ ގޮތުގައި ޖުމްލަ 2.5 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ފާއިތުވި އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރު 2.1 ބިލިޔަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، އޭގެ އިތުރަށް 8 މިލިޔަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި 2022 ވަނަ އަހަރުވެސް 2.2 ބިލިޔަން ރުފިޔާ ކައުންސިލްތަކަށް ދޫކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް