ގ. ހިޔާރޯދިގޭގެއި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި މިމަހުގެ 18 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލ. މާބައިދޫ، ސަބުނަމްހައުސް، ހުސައިން ޝަހްބާން (29އ) ކަމަށް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ފަސް ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެވަގުތު އެ ސަރަހައްދުގެ ސީސީޓީވީ ފްޓޭޖުން ފެންނަގޮތުގައި އެ ހާދިސާ ހިނގުމުގެ ކުޑަވަގުތުކޮޅެއް ކުރިން މީހަކު އެގެއަށް ވަަންނަތަން ފެނެއެވެ. އަދި އޭނާ އެގެއިން ނުކުންނަތާ އިރުކޮޅެއްގެ ތެރޭގައި އެގޭގައި އަލިފާން ރޯވެއެވެ.
ފުލުހުންގެ ތަހުގީގުން ކަށަވަރުވެފައިވާގޮތުގައި އެގެއަށް އެވަގުތު ވަދެފައި ވަނީ ޝަހުބާނެވެ.
ހިޔާރޯދިގޭގެއަކީ މީހުން ނޫޅޭ ގެއެކެވެ. އެ ގޭގައި ކަރަންޓެއްވެސް ނުހުރެއެވެ. އެ ގޭގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ގެ ސާފުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެގޭގައި އެވަގުތު އުޅުނު މީހުން ބުނެފައި ވަނީ މީހަކު ވަދެ އެގޭގައި ރޯކޮށްލިކަން ކަށަވަރުވާ ކަމަށެވެ.



