އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޔުކްރޭނުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާ ދެމެދު ހޫނު ޒުވާބެއް ހިނގައިފިއެވެ.
ވައިޓްހައުސްގެ އޯވަލް އޮފީހުގައި މީޑިއާތަކުގެ ކުރިމަތީގައި ބޭއްވި މި ބައްދަލުވުމުގައި ޓްރަމްޕް އާއި ޒެލެންސްކީގެ އިތުރުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވެސް ވަނީ ބައިވެރިވެފައެވެ.
މި ބައްދަލުވުމުގައި އެމެރިކާގެ ނައިބު ރައީސް ފާހަގަކުރި ގޮތުގައި ރަޝިއާ އާއި ޔުކްރޭނުގެ ހަނގުރާމަ ނިމުމަކަށް އަންނަން ޖެހޭނީ ޑިޕްލޮމެސީގެ ތެރެއިން ކަމަށް ވިދާޅުވިއެވެ. އެއަށްފަހު ޒެލެންސްކީ ވަނީ އެއީ ކޮން ކަހަލަ ޑިޕްލޮމެސީއެއްތޯ ސުވާލު ކޮށްފައެވެ. ޒެލެންސްކީ މިހެން ބުނުމާއިއެކު އެމެރިކާގެ ނައިބު ރައީސް ވޭންސް ވަނީ އެމެރިކާ އަށް ވަޑައިގެން އެގައުމަށް އިހުތިރާމް ކުޑަވާ ގޮތަށް ޒެލެންސްކީ ވާހަކަތައް ދައްކާ ކަމަށް ތުހުމަތުކޮށްފައެވެ.
އެއަށްފަހު އޭނާގެ ވާހަކާގައި އެމެރިކާ އިން ޔުކްރޭނަށް ފޯރުކޮށްދީފައިވާ އެހީތަކަށް ވެސް ޒެލެންސްކީ ޝުކުރުވެރި ނުވާކަމަށް ތުހުމަތުކުރުމުން ޓްރަމްޕް ވަނީ ޒެލެންސްކީ އަށް އެކަށީގެންވާ ވަރަށް ވާހަކަ މިހާރު ދެއްކެވިފައިވާ ކަމަށާއި ޝުކުރުވެރިވުމަށް އެދިފައެވެ.
އަދި އެއަށްފަހު ޓްރަމްޕް ބުނެފައިވަނީ ހަނގުރާމައިން ކުރި ހޯދޭނެ ”ކާޑުތަކެއް“ މިވަގުތު ޒެލެންސްކީގެ އަތުގައި ނެތް ކަމަށެވެ. އެއާއެކު ޒެލެންސްކީ ވަނީ ކާޑުތަކެއް ކުޅެން ނޫޅުއްވާ ކަމަށާއި މިއީ ވަރަށް ސީރިއަސް ކަމެއް ކަމަށް ފާހަގަކޮށްފައެވެ.
އެއަށްފަހު ޓްރަމްޕްގެ ނުރުހުން ޒެލެންސްކީ އަށް އަމާޒުކުރައްވަމުން ބުނެފައިވަނީ ޔުކްރޭނަށް އެންމެ ބޮޑަށް އެހީވި ގައުމަށް ވަޑައިގެން ޒެލެންސްކީ އެމެރިކާ އަށް އިހުތިރާމް ކުޑަވާ ގޮތަށް އަމަލުކުރަމުންދާ ކަމަށެވެ.
ވައިޓް ހައުސްގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މި ބައްދަލުވުމަށް ފަހު ޒެލެންސްކީ އާއި ޓްރަމްޕް ދިޔައީ ވަކި ރޫމަކަށެވެ. އަދި ޒެލެންސްކީ އާއި އޭނާއާއެކު ދިޔަ ޓީމުގެ ވައިޓް ހައުސް ދޫކޮށް ދިޔުމަށް ޓްރަމްޕް ދެންނެވި ކަމަށްވެސް އޮފިޝަލުން ވިދާޅުވި އެވެ.
އެއާއެކު ޓްރަމްޕް އާއި ޒެލެންސްކީއާއެކު ބާއްވަން ނިންމި ނޫސްވެރިންގެ ބައްދަލުވުން ވެސް ވަނީ ކެންސަލްކޮށްފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ސޮއިކުރަން ހަމަޖެހުން ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުން ވެސް ވަނީ ފަސްކޮށްފަ އެވެ. އަދި އެމެރިކާގެ ހަޑްސަން އިންސްޓިޓުއުޓްގައި ޒެލެންސްކީ ދެއްވުމަށް ހަމަޖެއްސި ތަގުރީރު ވެސް ފަހުން ވަނީ ކެންސަލްކޮށްފަ އެވެ.
މި ބައްދަލުވުމަށް ފަހު ޓްރަމްޕް ’ޓްރުތް ސޯޝަލް‘ ޕްލެޓްފޯމުގައި ކުރި ޕޯސްޓެއްގައި ވަނީ ސުލްހަ ގާއިމުކުރަން ޒެލެންސްކީ ބޭނުން ނުވާ ކަމަށާއި އޯވަލް އޮފީހުގައި ޒެލެންސްކީ އެމެރިކާ އަށް އިހުތިރާމް ކުޑަކޮށްފައިވާ ކަމަށެވެ. އަދި ސުލްހަ ގާއިމުކުރަން ބޭނުންވި އިރަކުން ޒެލެންސްކީ އަށް އަލުން އަނބުރާ އެމެރިކާ އަށް ވަޑައިގަތުމަށް ފުރުސަތު އޮންނާނެ ކަމަށްވެސް ޓްރަމްޕް ވަނީ ބުނެފައެވެ.