އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި ރޯވެ، ފަސް މީހަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބުނީ ރޭ ދަންވަރު 2:00 އެހައިކަންހާއިރު ކަމަށެވެ. އަދި މި ހާދިސާގައި ފަސް މީހަކު މަރުވެފައިވާކަަމަށާއި އެއީ ބިދޭސިންކަމަށްވެސް ފުލުހުން ބުނެއެވެ.
މަރުވި މީހުންގެ އިތުރުން މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި ވަރަށް ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި މިހާރު މާލެ ގެނެސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި ހާދިސާގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއް ހިމެނޭ ކަމަށްވެސް ފުލުހުން ބުނެއެވެ.



