ރާއްޖެއަށް ޓޫރިސްޓުން ނުފޮނުވުމަށް އިދިކޮޅު ފަރާތްތަކުން ގައުމުތަކުގައި އެދެމުންދާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހުޅުމާލެ މެދު ދާއިރާ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ހަލީލް ވިދާޅުވީ މި ސަރުކާރަށް ނިސްބަތްވާ އެއްވެސް ބޭފުޅަކު ރާއްޖެ ބަދުނާމުކުރުމަށްޓަކާ އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށާއި މި ސަރުކާރުގައި ތިބީ އެއަށް ވުރެ މާ ގައުމީ ބޭފުޅުންތަކެއް ކަމަށެވެ. ނަމަވެސް ރާއްޖެއަށް ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި ވަރަށް ކަންބޮޑުވާ ވާހަކަތައް އަޑު އިވިވަޑައިގަންނަވާ ކަމަށް ހަލީލް ވިދާޅުވިއެވެ.
”ބައެއް ބޭފުޅުން ވިދާޅުވެފައި އެބަހުރި ތިމަންނާމެންނަށް ހިސާބަށް އައިސްފައި އެބައޮތޭ ރާއްޖެއަށް ޓޫރިސްޓުން، ތި ގައުމުން ފޮނުވުން ހުއްޓާލަދޭށޭ. ކިހާ ނުބައި ވާހަކައެއްތޯ މި ދައްކަނީ. އަޅުގަނޑުމެން މި ދައްކަނީ އަޅުގަނޑުމެން ގޭގައި މި ތިއްބެވި، އަޅުގަނޑުމެންގެ މައިންނާއި، ދަރިންނަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާކޮޅު ހުއްޓުވާލާ ވާހަކައޭ ބޭރު ގައުމުތަކަށްވެސް ގޮސްފައި މި ދައްކަނީ،“ ހަލީލް ވިދާޅުވި އެވެ.
”އެ ގައުމުތަކުން އެ ބުނަނީ ރާއްޖޭގެ ތަރައްގީއަށް ކަލޭމެން ތި ފަންޑުކުރާ ކުރުން ހުއްޓާލާށޭ. އެކަމަކު ﷲ ވާގިފުޅާއެކު އަޅުގަނޑުމެން ގޮސް ތެދު ކިޔައިދިނީމާ، މި ހުރިހާ ކަމެއް ނަފީވެގެންދޭ“
ހަލީލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްޕުޅުގެ ސަބަބުން ބޭރު ދުނިޔޭގައި ވެސް ރާއްޖެއަށް ކާމިޔާބީތައް ލިބެމުންދާ ކަމަށެވެ. މީގެއިން ދައްކުވައިދެނީ ރައީސްގެ ހާރިޖީ ސިޔާސަތުގެ ވަރުގަދަކަން ކަމަށާއި ރާއްޖެ ބަދުނާމުކުރަން ބޭރު ގައުމުތަކުގައި އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތައް ހުއްޓާލުމަށް ހަލީލް ވަނީ ގޮވާލާފަ އެވެ.
”ތިއީ ތި ބޭފުޅުންނަށް ވެސް ފައިދާ ހުރި ކަމެއް ނޫނޭ. މި ރާއްޖޭގެ ރައްޔިތުންނަށް ވެސް ފައިދާ ހުރި ކަމެއް ނޫނޭ. މި ރާއްޖޭގެ ކުރިއެރުމަށް ވެސް ފައިދާ ހުރި ކަމެއް ނޫނޭ. ދިވެހި ރައްޔިތުން ދެކެ ލޯބިވަންތަ؟ ހުއްޓާލައްވާ ތި ކަންތައް. ރާއްޖެ ބަދުނާމުކުރުން ހުއްޓާލައްވާ،“ ހަލީލް ވިދާޅުވި އެވެ.
ހަލީލް ވަނީ ރާއްޖެ ބަދުނާމުކުރުން ހުއްޓާލުމަށްފަހު ރާއްޖޭގެ ކުރިއެރުމަށް އިދިކޮޅު ފަރާތްތަކުން ވެސް މަސައްކަތް ކުރުމަށް ގޮވާލާފަ އެވެ.



