ޔޫއެފްއާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ޕްލޭއޮފްއިން އޭސީ މިލާން ކަޓައި، ބެޔާން މިޔުނިކް ހަނިގޮތަކަށް ގަދަ 16 އިން ޖާގަ ހޯދައިފިއެވެ.
ބެޔާން މިޔުނިކުން އަލިއަންޒް އެރީނާގައި، ސްކޮޓްލެންޑްގެ ޗެމްޕިއަނުން ސެލްޓިކް އާއިއެކު ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގެ 63 ވަނަ މިނެޓުގައި ސެލްޓިކްއިން ފުރަތަމަ ގޯލު ކާމިޔާބުކުރިއެވެ. އަދި އޭގެ ފަހުންވެސް ސެލްޓިކްއަށް އެމީހުންގެ ލީޑު ފުޅާކުރުމަށް ގިނަ ފުރުސަތުތަކެއް ލިބުނުނަމަވެސް އެކަމުގެ ފައިދާވަނީ ނެގޭގޮތް ނުވެފައެވެ. އެއަށްފަހު އިތުރުވަގުތުގައި، ބެޔާންގެ އަލްފޮންސޯ ޑޭވިސް ޖެހި ލަނޑުން މެޗުގެ ސްކޯ އެއްވަރުވިއެވެ. މިސްކޯގައި މެޗު ނިމުމުން އެގްރިގޭޓުގެ ނަތީޖާއިން 3-2 ބެޔާންމިޔުނިކް ވަނީ ގަދަ 16 އިން ޖާގަ ހޯދާފައެވެ. މެޗަށްފަހު، ބްރެންޑަން ރޮޖަރސް އޭނާގެ ޓީމުގެ ކުޅުމަށް ތަޢުރީފުކޮށް ވާހަކަ ދައްކާފައެވެ.
ސްޓާޑިއޯ ޖުސެޕެ މެއާޒާގައި އޭސީ މިލާންގެ ކެމްޕޭން ނިމުނީ ހިތާމަވެރިކޮށެވެ. މިދެޓީމު ފުރަތަމަ ލެގުގައި ރޮޓަޑޭމްގައި ކުޅުނު މެޗުގައި 1-0 އިން މިލާން ބަލިވެފައިވުމުގެ ސަބަބުން އެޓީމު ނުކުތީ މިމެޗުން މޮޅުވެ ގަދަ 16 އަށް ދިޔުމުގެ އަޒުމުގައެވެ. އެހެންނަމަވެސް، ތިއޯ ހަނާންޑޭޒްއަށް ދެއްކި ރަތްކާޑުގެ ސަބަބުން މެޗުގެ 51 ވަނަ މިނެޓުން ފެށިގެން އެޓީމު ކުޅެންޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މިކަމުގެ ފައިދާ ނަގައި ފެއެނޫޑުން، ސެންޓިއާގޯ ޖިމެނެޒް މުހިންމު ލަނޑެއް ކާމިޔާބުކުރިއެވެ. މިލާނަށް އެއްވަރުކުރެވުނު ލަނޑު ޖެހުނު ނަމަވެސް އެގްރިގޭޓު ނަތީޖާއިން ފޭނޫޑް ވަނީ މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދާފައެވެ.
ގެވިސް ސްޓޭޑިއަމްގައި އަޓަލާންޓާގެ އުންމީދުތައް ފެއިލްކޮށްލީ ކްލަބް ބްރޫޖްއިންނެވެ. ފުރަތަމަ ލެގްގައި 2-1 އިން ކާމިޔާބު ހޯދި ބެލްޖިއަމްގެ ޓީމުން އެމީހުންގެ މޮޅުކަން ދެމެހެއްޓިއެވެ. އަޓަލާންޓާގެ މަސައްކަތްކުރިނަމަވެސް ކްލަބް ބްރޫޖްގެ މޮޅު ކުޅުމުގެ ސަބަބުން ކުރި ހޯދޭ ގޮތެއް ނުވިއެވެ. މިމެޗު ނިމުނީ 3-1 އިން ކްލަބް ބުރޫޖް ކާމިޔާބު ހޯދައިގެންނެވެ. އެހެންކަމުން ކްލަބް ބުރޫޖް ވަނީ ގަދަ 16 އިން ޖާގަ ކަށަވަރުކޮށްފައެވެ.
ޕޯޗުގަލްގެ ބެންފިކާއާއި ފްރާންސްގެ އޭއެސް މޮނާކޯއާ ބައްދަލުކުރި ފޯރިގަދަ މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. އެހެންކަމުން 4-3 ގެ އެގްރިގޭޓުން ގަދަ 16 އަށް ކޮލިފައިވީ ބެންފިކާއެވެ.
ނޮކްއައުޓް ޕްލޭއޮފް ގައި މިރޭވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ މެޗަކީ ރެއާލް މެޑްރިޑާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރާ މެޗެވެ. މިމެޗުގެ ފުރަތަމަ ލެގުގައި ރެއާލުން ވަނީ ސިޓީގެ މައްޗަށް 3-2 އިން ކުރި ހޯދާފައެވެ.