ސަރުކާރަށް އެއްބާރުލުން ނުދޭ ކައުންސިލަރުން އިންތިޚާބުވެއްޖެނަމަ އައްޑޫ ސިޓީގެ ތަރައްގީއަށް ހުރަސްއެޅޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީއެންސީގެ މައި އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށް ސަރުކާރުން ކަނޑައަޅާފައިވާ މަޝްރޫއުތައް ކުރިއަށްގެންދަން ޕީއެންސީގެ ކެންޑިޑޭޓުން އިންތިޚާބުކުރުން މުހިންމު ކަމަށެވެ.
އައްޑޫ ސިޓީގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓްގައި މުޝްރިފް އަލީ ވާދަކުރައްވާއިރު، އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަނީ މިހާރުގެ މޭޔަރު އަލީ ނިޒާރެވެ.
އައްޑޫ ސިޓީގައި ފޯރިއާއެކު މިހާރުވެސް ކައުންސިލް އިންތިހާބުގެ ކެމްޕޭން ކުރިއަށް އެބަދެއެވެ.
ރައީސް ވިދާޅުވީ ކައުންސިލްތަކުން ބިން ދޫނުކުރާތީ ބައެއް ރަށްރަށުގައި މިހާރު ވެސް ތަރައްގީގެ މަޝްރޫއުތައް ހުންގުމަށް ދަތިވަމުން އަންނަ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ޤައުމު އިޞްލާޙުކުރެވޭނީ ރައްޔިތުންގެ ޚިޔާލާއި ފިކުރު އިޞްލާޙުކޮށް، ދީނީ ހަމަތަކުގެ މަތީގައި ކަންކަން ބިނާކޮށްގެން ކަމަށެވެ. އަދި ސިޔާސީ ބޭނުމަށްޓަކައި އެކި ފަރާތްތަކުން ދައްކާ ވާހަކަތަކަށް ހެއްލުމުގެ ބަދަލުގައި، އަމިއްލަ ބުއްދިން ކަންކަން ދިރާސާކޮށް، ދިވެހިވަންތަ އައިޑެންޓިޓީ އާއި އިސްލާމީ އަޞްލަށް ރުޖޫޢަވުމަށް ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.
ކައުންސިލް އިންތިހާބުގައި ވޯޓުދޭއިރު އެފަދަ ކަންކަމަށް ސަމާލުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.



