- Advertisement -spot_img

ބޭރު ގައުމުތަކުގައި ތިބެގެން ދިވެހީން ރާއްޖެއަށް ޑްރަގް ފޮނުވާ: ފުލުހުން

ރާއްޖެއިން ބޭރުގައި، ޚާއްޞަކޮށް އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ދިވެހިން ގާއިމުވެތިބެގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގެ މަސައްކަތްތައް ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

މިއަހަރު ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގެ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފް ވިދާޅުވީ ދިވެހިން އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވަމުންދާކަން ފުލުހުންނަށް ފަހަަކަށް އައިސް ފާހަގަ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.

ނާއިފް ވިދާޅުވިގޮތުގައި އެފަދަ މީހުން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވަނީ އެއާ ކާގޯ މެދުވެރިކޮށާއި ސީ ކާގޯ މެދުވެރިކޮށެވެ. އަދި ޚާއްޞަކޮށް، އިލެކްޓްރިކް އައިޓަމުތަކާއި ބަދިގޭގައި ގެންގުޅޭ ސާމާނުތަކުގެ ތެރޭގައި ހިމެނޭ އަވަނާ ތެލި ފަދަ އެއްޗެހީގެ ތެރޭގައި ކޮންސީލްކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވަމުންދާކަން ފާހަގަވެފައިވާ ކަމަށް ވެސް ނާއިފް ވިދާޅުވިއެވެ.

”އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ދުނިޔޭގެ ކޮންމެ ސަރަޙައްދެއްގައި ގާއިމުވެގެން ތިބިކަމުގައި ވިޔަސް، މިފަދަ ޖިނާޢީ ކުށްކުރާ ފަރާތްތައް އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ވިޔަސް، އަޅުގަނޑުމެން އެ ފަރާތްތައް ދިވެހިރާއްޖެއަށް ގެނެސްގެން އެ ފަރާތްތަކުގެ މައްޗަށް ތަޙުޤީޤު ހިންގާނެކަން. ޚާއްޞަކޮށް ޖިނާޢީ މައްސަލަތަކުގައި އެހީތެރިކަން ބަދަލުކުރުމާއި ނުވަތަ އެހީތެރިކަން ހޯދުމާ ބެހޭ ގާނޫނާއި އެކްސްޓަރޑިޝަން ގާނޫނުގެ ތެރެއިން އަޅުގަނޑުމެން އަވައްޓެރި ޤައުމުތަކާއި ދުނިޔޭގެ އެކި ޤައުމުތަކާ އެއްކޮށް މި ދަނީ ތަޙުޤީޤުގެ ތެރެއިން ވަރަށް ފުޅާ މަސައްކަތްތަކެއް ކުރަމުން. އަޅުގަނޑުމެން އެ މަސައްކަތް އެގޮތަށް ކުރަމުންދާއިރުގައި ކުރިއަށް އޮތް ދުވަސްތަކުގައި ތިޔަބޭފުޅުންނަށް މި ދެންނެވި މަގުން ކަން ހިނގާ މަންޒަރު ފެނިގެންދާނެ.“ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ނާއިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސްކޫލް ނިންމާފައި ވަޒީފާއަކަށް ނުގޮސް ތިބޭ ކުދިންނަށް އަމާޒުކޮށްގެން، ސޯޝަލް މީޑިއާގެ އެކި ގުރޫޕުތަކުގައި، ޚާއްޞަކޮށް، ކްލޯސް ގުރޫޕުތަކުގައި، މަސްތުވާތަކެތީގެ އެކި މުޢާމަލާތްތައް ކުރުމަށް ދަޢުވަތު ދިނުން ފަދަ ކަންކަން ވެސް މިހާރު ކުރިއަށްދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި އެކަމަށް ބެލެނިވެރިން ވަރަށް ބޮޑަށް ސަމާލުވުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

”މިކަހަލަ ކަންކަން ހުއްޓުވުމަށްޓަކައި އަޅުގަނޑުމެންގެ ސައިބަރ ސެންޓަރާ އެކީގައި މަސައްކަތްތަކެއް ކުރަމުން އެބަދަން.“ އޭނާ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ވަބާއިން މި ގައުމު ސަލާމަތްކުރުމަށްޓަކައި ފުލުހުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް