ފަގީރުންގެ ދަފުތަރުގައި ތިބި މީހުންނަށް ހާއްސަކޮށް، ”ޒަކާތު ބެނެފިޝަރީ ކާޑު“ގެ ނަމުގައި ކާޑެއް އިފްތިތާހުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ޝަހީމް ވިދާޅުވީ އެ ކާޑު ތައާރަފްކުރަނީ ޒަކާތް ހައުސްއާއި ބޭންކް އޮފް މޯލްޑިވްސްއާއި ގުޅިގެން ކަމަށާއި މި ކާޑު އޮންނާނީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަގީރުންގެ އަތުގައި ކަމަށެވެ. އަދި ޒަކާތު ހައުސިން ކޮންމެ އަހަރަކު ވެސް އޭނާއަށް ކަނޑައަޅާފައި އޮންނަ އެހީ އެ ކާޑަށް ޖަމާކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
”މިސާލަކަށް ރޯދަ މަހުގައި އަޅުގަނޑުމެން މި ދިނީ ފަގީރު މީހާއަށް ކާބޯތަކެތި. އެހެންވީމަ އެ ކަމަށް ކަނޑައަޅާފައި އޮތް ބަޖެޓަކީ މިސާލަކަށް 5000 ރުފިޔާ. އެހެންވީމަ އެ 5000 ރުފިޔާއަށް ކަނޑައަޅާފައި ހުންނަ ފިހާރަތަކުން ތަކެތި ގަނެވޭނެ. އެތަނަށް އިނގޭނެ އެއީ ފަގީރެއްކަން،“ ޝަހީމް ވިދާޅުވިއެވެ.
މި ކާޑު އިފްތިތާހުކުރުމުގެ މަގުސަދަކީ ފަގީރުން އެކި އިދާރާތަކަށް ހިނގަންޖެހޭ ހިނގުން މަދުކޮށް، އެ މީހުންނަށް ފަސޭހަކޮށްދިނުން ކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި މަސައްކަތް ކުރަމުންދަނީ ޖެނުއަރީ މަހުގައި އެ ކާޑު އިފްތިތާހް ކުރަން ކަމަށްވެސް ވިދާޅުވިއެވެ.
ޒަކާތުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ތަސްދީގު ކުރައްވާފައިވާއިރު، މި ޤާނޫނުގެ ދަށުން، ރާއްޖޭގައި ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުން ހިމެނޭ ގޮތުން، ޒަކާތާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅުއްވާނީ، ޒަކާތާ ބެހޭ ކަންކަން ހިމެނޭ ގޮތުން، އިސްލާމްދީނާގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމުގެ ޒިންމާ އެއިރެއްގައި ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރުގެ ލަފާފުޅާއެކު، ރައީސުލްޖުމްހޫރިއްޔާއެވެ.
ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާ ދިނުމަށާއި، އެ ނިޒާމުގެ ހިންގުން ވިލަރެސްކުރުމަށްޓަކައި ”ޒަކާތު ކައުންސިލް“ ގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
ރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވައިލައި ހިންގުމާގުޅޭ ކަންކަމުގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުޢީ ލަފަޔާއި އިރުޝާދު ދޭނީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއަކުންނެވެ.



