ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގެ އެއްބަސްވުމަށް ގެނައި އިސްލާހުތަކާއި ކުލީގެ އަގަށް ގެނައި ބަދަލުތައް އެޗްޑީސީގެ މައި ހުޅުމާލެ ޕޯޓަލް މެދުވެރިކޮށް ބެލޭނެ އިންތިޒާމު މިއަދު ހަމަޖައްސައިފިއެވެ.
އެޗްޑީސީން ބުނީ މި ބަދަލުގެ ސަބަބުން ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކަށް އިސްލާހުތައް ބަލައި، ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ނިންމުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ވެރިފަރާތް ކަށަވަރުކުރުމުގެ މަސައްކަތް އަވަސްވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް، ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ރައްޔިތުން ކުރި ހަރަދުގެ ބަދަލު ދިނުމުގެ ގޮތުން ކުލިން 200,000 ރުފިޔާ އުނިކޮށްދޭން ސަރުކާރުން ވަނީ މިދިޔަ އަހަރު ނިންމައިފައެވެ. އެހެންކަމުން މިހާރު ހިޔާ ފްލެޓްތަކުގެ ކުއްޔަކީ މެއިންޓެނަންސް ފީއާ އެކު މަހަކު 4,984 ރުފިޔާއެވެ. ހިޔާގެ 16 ޓަވަރުގައި ޖުމްލަ 6,720 ފްލެޓް ހުރެއެވެ.



