އާދަޔާޚިލާފަށް ބަރުދަން މަތިވެފައިވާ މީހުންނަށް ދާއިމީ ގޮތެއްގައި ބަރުދަން ދަށްކުރުމަށް އެހީތެރިވާ ބެރިއަޓްރިކް ސާޖަރީގެ ޚިދުމަތް ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި އިއްޔެ ފަށައިފިއެވެ.
މިއީ ސަރުކާރުގެ ހޮސްޕިޓަލެއްގައި މިފަދަ ޚިދުމަތެއް ފެށި ފުރަތަމަ ފަހަރެވެ.
ބެރިއަޓްރިކް ސާޖަރީއަކީ ހަޖަމުކުރާ ނިޒާމު މަސައްކަތް ކުރާގޮތަށާއި ގޮހޮރުގެ ސައިޒަށް ބަދަލު ގެނެސް، އާދަޔާޚިލާފަށް ބޮޑަށް ބަރުދަން މަތިވެފައިވާ މީހުންގެ ބަރުދަން ދާއިމީ ގޮތެއްގައި ދަށްކުރުމަށް އެހީތެރިވުމަށް ކުރާ ވަރަށް ކާމިޔާބު އޮޕެރޭޝަންތަކެކެވެ. މި އޮޕަރޭޝަންތަކުގެ ސަބަބުން ބަލިމީހާއަށް ރަނގަޅު ސިއްހަތެއް ލިބިދިނުމާ އެކު ނަފުސާނީ ދުޅަހެޔޮކަން ރަނގަޅުވެ، އަމިއްލަ ނަފުސަށް އޮންނަ އިތުބާރު އިތުރުވެ، އަލުން ބަލިމީހާގެ ހަޔާތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވައިދެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި މި ޚިދުމަތް ގާއިމުކުރުމާ ގުޅިގެން އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގު ހަލީމް ވިދާޅުވީ، މި ޚިދުމަތް ގާއިމުވުމުން ކުރިން ބޭސްކުރަމުން އައި ގައިންގަޔަށް ނާރާ ބައެއް ބަލިތަކަށް ބޭސްކުރަން ނިމުމަކަށް ގެނެވޭނެ ކަމަށެވެ. މާނައަކީ ބަރުދަން އިތުރުވުމުގެ ސަބަބުން ކުރިމަތިވާ ބައެއް ނުރައްކާތެރި ބަލިތަކަށް ދާއިމީ ހައްލެއް ލިބުމެވެ.

ސީއީއޯ ހަލީމް ވިދާޅުވީ، ސަރުކާރުގެ ހޮސްޕިޓަލެއްގައި މިފަދަ މުހިންމު ޚިދުމަތެއް ފެށުމަށް ސާޖަރީ ޑިޕާޓްމަންޓުގެ ޓީމުން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި މި މަސައްކަތް މިއަދު މި ކާމިޔާބުވީ އެތައް ބައެއްގެ މަސައްކަތުންނާއި އެހީތެރިކަމާ އެކުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވަނީ މި މަސައްކަތުގައި ހަރަކާތްތެރިވި ހޮސްޕިޓަލުގެ އޮޕްރޭޝަން ޑޮކްޓަރުންނާއި، ހޭނައްތާ ޑޮކްޓަރުން، ނަރުހުން، އެހެނިހެން ޓެކްނިކަލް/ކްލިނިކަލް މަސައްކަތްތެރިންނާއި އިދާރީ މުވައްޒަފުން އަދި ސަޕޯޓް ސްޓާފުންގެ ނަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފަ އެވެ. ޚާއްސަކޮށް، ދިވެހިރާއްޖޭގެ ފުރަތަމަ ބެރިއަޓްރިކް ސާޖަން، ޑރ. އަޒްނާގެ ނަން ވަކިން ފާހަގަކުރައްވާ އޭނާއަށް މަރުޙަބާ ދަންނަވާފައިވެއެވެ.



