މާލެ ސިޓީގެ އިމާމުންނާއި ޚަތީބުންނަށް 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ވޯކްޝޮޕްގެ ނިންމުމުގެ ރަސްމިއްޔާތު ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. މާލެ ސިޓީގެ އިމާމުންނާއި ޚަޠީބުން ތާޒާކުރުމުގެ މި ވޯކްޝޮޕް މުޅިއަކު މާލެ ސިޓީގެ 73 އިމާމުން ބައިވެރިވަޑައިގެންފައިވެއެވެ.
މިއަހަރު މިހާތަނަށް 738 އިމާމުންނަށް ތާޒާކުރުމުގެ ޕްރޮގްރާމް ހިންގާފައިވެއެވެ. މިއަންނަ އަހަރު މިޞްރުގެ އަލްއަޒްހަރު ޔުނިވަރސިޓީއާ ގުޅިގެން އިތުރު ތަމްރީނަށް އިމާމުން މިޞްރަށް ފޮނުވުމަށް ހަމަޖެހިފައިވާއިރު ޢަރަބި ބަސް ކިޔެވުމަށް މޮރޮކޯއަށް ވެސް ފުރުޞަތު ލިބިގެންދާނެއެވެ.
މިދިޔަ އަހަރުގައި ވެސް ސައުދީ، ބުރޫނާއި، އިންޑޮނޭޝިޔާ، މެލޭޝިޔާ އިން ޖުމުލަ 100 އަށް ވުރެ ގިނަ ފުރުޞަތުގައި އިމާމުން ވަނީ ބޭރަށް ފޮނުވިފައިވާކަން ފާހަގަކޮށްލެވެއެވެ.



