އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ލަންކާއަށް އެހީވާ ޓެލެތޯނަށް ޕީއެންސީގެ ޕީޖީން ތިން ލައްކަ ރުފިޔާ ހަދިޔާކޮށްފި

ޕީއެސްއެމް އިން އިސްނަގައިގެން ރާއްޖޭގެ މީޑިއާތަކާ ގުޅިގެން މިހާރު ކުރިޔަށްގެންދާ ”ސިލޯނާއެކު ދިވެހިން“ ޓެލެތޯންއަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން 300،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

މި ޓެލެތޯނަކީ އަވަށްޓެރި ސްރީ ލަންކާއަށް ކުރިމަތިވެފައިވާ ގުދުރަތީ ކާރިސާއާ ގުޅިގެން ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ކުރިޔަށް ގެންދާ ޓެލެތޯނެކެވެ. 

މިހާރު ޓީވީއެމް ސްޓޫޑިއޯގައި ކުރިއަށްގެންދާ ހާއްސަ ޓެލެތޯން ލައިވްގައި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ ބޭފުޅުންނާއެކު މި ފައިސާ ހިމެނޭ ރަމްޒީ ޗެކް ވަނީ ހަވާލުކޮށްދީފައެވެ.  ޗެކާއި ހަވާލުވެވަޑައިގެންނެވީ ޕީއެސްއެމްގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާމީނެވެ.

މި ޗެކް ހަވާލުކުރެއްވުމަށް ފަހު ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ލަންކާއަކީ ރާއްޖެއާ ވަރަށް ގާތް ގައުމެއް ކަމަށާއި، ދިވެހިން އެންމެ ގިނައިން ދަތުރު ކުރާ އެއް ގައުމު ކަމަށެވެ. އެއް ގައުމެއްގެ ރައްޔިތުން އެންމެ ގިނައިން ރާއްޖޭގައި ދިރިއުޅޭ އެއް ގައުމަށްވެސް ލަންކާ ވާނެ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

”މި ހުރިހާ ގޮތަކަށް ބަލާއިރު، ސްރީ ލަަންކާ އާއި ރާއްޖެއާ މިއީ ވަރަށް ގާތް އެއްބަނޑު އެއްބަފާ ގުޅުމެއް ޒަމާނުއްސުރެ އުފެދިފައި އޮތް ދެ ގައުމު. ލަންކާއަށް މިފަދަ ހިތާމަވެރި ކާރިސާއެއް ކުރިމަތިވުމާއި އެކީގައި އެންމެ ފުރަތަމަ އިސްކަމެއް ނެންނެގި ގައުމެއްގެ ގޮތުގައި މި ފާހަގަވަނީ ރާއްޖެ،“. އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނެންގެވުމުގެ މަތިން، ލަންކާގެ ސަރުކާރުން އެހީއަށް އެދިވަޑައިގެންނެވުމުން، އެންމެ ފުރަތަމަ އެހީތެރިދެއްވި ގައުމެއްގެ ގޮތުގައި ރާއްޖެ ހިމެނޭ ކަމަށެވެ. އެކަމުން ދޭހަވެގެން ދަނީ އަވައްޓެރި ގައުމުތަކާއި އެކީގައި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސުގެ ވަރުގަދަ ކަމާއި، ހަރުދަނާ ކަން ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް