މެލޭޝިއާގައި ފެންބޮޑުވެ، 13،782 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފިއެވެ.
ސޯޝަލް ވެލްފެއާ ޑިޕާޓްމަންޓުގެ ޑިޒާސްޓާ އިންފޯ ސައިޓުން އެންމެ ފަހުން ނެރުނު ރިޕޯޓާ ހަވާލާދީ ނޫސް އެޖެންސީ ބެރްނާމާ ބުނީ އެންމެ ބޮޑަށް ގެއްލުން ލިބުނީ އެ ގައުމުގެ ކެލަންޓަން އަށް ކަމަށެވެ. އެ އަވަށުގެ 9،634 މީހުން 38 ވަގުތީ ރިލީފް ސެންޓަރުތަކުގައި ތިބި ކަމަށް ބެލެވެއެވެ.
އަސަރުކުރި ޑިސްޓްރިކްޓްތަކުގެ ތެރޭގައި ޓޫމްޕަޓް، ބަޗޮކް، ކޮޓާ ބާރޫ އަދި ޕާސިރު ޕުޓޭ ހިމެނެއެވެ. ކެލަންޓަން ފަޔަރ އެންޑް ރެސްކިއު ޑިޕާޓްމަންޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހާލަތު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް އިތުރަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭތީ ހާލަތު ގާތުން މޮނިޓަރ ކުރަމުން އަންނަ ކަމަށެވެ.
ޕެރަކް އަކީ ދެވަނައަށް އެންމެ ގިނައިން ގެއްލުން ލިބުނު ސްޓޭޓް ކަމަށްވާއިރު، ޕެރަކް ޓެންގާ، މަންޖުންގް، ލާރޫޓް، މަޓަންގް، ސެލާމާ އަދި ހިލިރު ޕެރަކް ސަރަހައްދުތަކުގައި 20 ރިލީފް ސެންޓަރެއްގައި ޖުމްލަ 1،415 މީހުން ވަނީ ހިޔާވަހިކަން ހޯދާފައެވެ. މީގެ އިތުރުން ބެސުޓްގައި އެއް ރިލީފް ސެންޓަރުގައި 205 މީހުން ހިޔާވަހިކަން ހޯދަމުންދާއިރު، ކެޑާގައި އަށް ރިލީފް ސެންޓަރެއްގައި 371 މީހުން ދަނީ ހިޔާވަހިކަން ހޯދަމުންނެވެ.
ޕެނަންގް އިން ސެބެރަންގް ޕެރައި އުޓާރާ އާއި ސެބެރަންގް ޕެރައި ޓެންގާގެ ހަތަރު ރިލީފް ސެންޓަރެއްގައި 404 މީހުން ހިޔާވަހިކަން ހޯދަމުން އަންނަ ކަމަށް ރިޕޯޓްކޮށްފައިވާއިރު، ސެލަންގޯރުގައި އަށް ރިލީފް ސެންޓަރެއްގައި 109 އާއިލާއަކުން 327 މީހުން ދަނީ ހިޔާވަހިކަން ހޯދަމުންނެވެ. ޕާލިސްގައި 1،426 މީހުންނަށް ފެންބޮޑުވުމުގެ އަސަރު ކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ސަލާމަތީ ނުރައްކާތަކުން ސަލާމަތްވުމަށް ޓަކައި ރިސްކް ބޮޑު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގެ އަމުރުތަކަށް އަމަލުކުރުމަށާއި ކޯރުތަކުގައި ނުވަތަ ކުއްލިއަކަށް ފެންބޮޑުވާ ސަރަހައްދުތަކުގައި ކުރިއަށްދާ ހަރަކާތްތަކުން ދުރުހެލިވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ.



