ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް، ދެމެހެއްޓެނިވި މާހައުލެއް ބިނާކުރުމަށް އަމާޒުކޮށްގެން ބާއްވާ ”މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް 2025“ ލ. ގަމުގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މި ކޮންފަރެންސް ނޮވެމްބަރު 24 އިން 26 އަށް ކުރިއަށްދާނެއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަން ޓުން ބުނިގޮތުގައި މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ، ކުނި މެނޭޖްކުރުމުގެ ދާއިރާއިން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، މި ދާއިރާގައި ކުރިއެރުންތައް ހޯދުމަށް މަޝްވަރާކުރުމެވެ. އަދި ބައިވެރިންގެ މެދުގައި ހިޔާލު ބަދަލުކޮށް، އެކުލަވާލެވޭ ރޭވުންތަކުގެ ތެރެއިން، ރާއްޖެއަށް ފައިދާހުރި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް މަސައްކަތްކުރުމެވެ. މިއީ ސާފުތާހިރު ރާއްޖެއެއް ބިނާކުރުމަށް ކުރެވޭ ގައުމީ މަސައްކަތުގެ މުހިންމު ބައެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ލ. ގަމުގައި ބާއްވާ މި ކޮންފަރެންސްގައި ސަރުކާރުގެ އިސްވެރިންނާއި، ދާއިރާގެ ތަޖުރިބާކާރުންނާއި، ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވެ، ކުނި މެނޭޖްކުރުމުގެ ރޭވުންތައް ވަރުގަދަކޮށް، ދެމެހެއްޓެނިވި ރާއްޖެއަކަށް ކުރިއެރުން ހޯދުމަށް މަޝްވަރާކުރާނެއެވެ.
މި ކޮންފަރެންސްއަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ސާފުތާހިރުކަން ކަށަވަރުކުރުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ބުނެއެވެ.



