އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ޢިރާގުގެ އާންމު އިންތިޚާބުގައި ބޮޑުވަޒީރު ސުދާނީގެ ކޯލިޝަނުން ކުރި ހޯދައިފި

ޢިރާގުގައި ބޭއްވި ޕާލަމެންޓްރީ އިންތިޚާބުން، އެގައުމުގެ މިހާރުގެ ބޮޑުވަޒީރު މުހައްމަދު ޝީއާ އަލް ސުދާނީގެ ކޯލިޝަން ކުރި ހޯދައިފިއެވެ.

އަންގާރަ ދުވަހު އިރާގުގައި ބޭއްވި އިންތިޚާބުގެ ވަގުތި ނަތީޖާ، އެގައުމުގެ އިންޑިޕެންޑެންޓް ހައި އިލެކްޓޯރަލް ކޮމިޝަނުން އިއުލާން ކުރީ އިއްޔެއެވެ. ކޮމިޝަނުން ބުނެފައިވަނީ، ބޮޑުވަޒީރު މުހައްމަދު ޝީއާ އަލް ސުދާނީގެ ކޯލިޝަނަށް 1.317 މިލިއަން ވޯޓު ލިބިފައިވާ ކަމަށެވެ. މިއީ ގާތްގަނޑަކަށް 45 ގޮނޑީގެ މިންވަރެވެ.

ޕާލަމެންޓްގައި ހިމެނޭ ބަޣުދާދުގެ 69 ގޮނޑީގެ ތެރެއިން ބޮޑުވަޒީރު ސޫދާނީގެ ރީކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް ކޯލިޝަނަށް ލިބުނީ 15 ގޮނޑިއެވެ. ބަޣުދާދުން ދެވަނައަށް އެންމެ ގޮނޑި ނެގީ، އިރާގު ޕާލަމެންޓުގެ ކުރީގެ ރައީސް މުހައްމަދު އަލް ހަލްބޫސީ އިސްވެ ހުންނަވާ ސުންނީ ޕާޓީއެއް ކަމަށްވާ ޕްރޮގްރެސްއެވެ. އެއީ 10 ގޮނޑިއެވެ. ބަޣުދާދުން ތިންވަނައަށް އެންމެ ގިނަ ގޮނޑި ނެގީ ކުރީގެ ބޮޑުވަޒީރު ނޫރީ އަލް މާލިކީގެ ސްޓޭޓް އޮފް ލޯ ކޯލިޝަނުންނެވެ އެއީ 8 ގޮނޑިއެވެ.

އިރާގުގެ ޕާލަމެންޓުގައި ހިމެނެނީ 329 ގޮނޑިއެވެ. އެއްވެސް ޕާޓީއަކަށް އެކަނި ސަރުކާރެއް އުފެއްދޭ ވަރަށް ގޮނޑި ކާމިޔާބު ކުރުމަކީ ނާދިރު ކަމެކެވެ. އެހެންވެ، އިންތިޚާބަށް ޕާޓީތައް ނުކުންނަނީ ކޯލިޝަން ހަދައިގެންނެވެ.

އަންގާރަ ދުވަހުގެ އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ބޮޑުވަޒީރު ސޫދާނީއަށް ޖެހިވަޑައި ގަންނަވާނީ، އިރާނުގެ ޝިޢީ، ސުންނީ އަދި ކުރުދީ ގްރޫޕްތަކާ ވާހަކަ ދައްކަވައި، ކޯލިޝަން ފުޅާކުރައްވާށެވެ. އިންތިޚާބުގެ ނަތީޖާއިން ބޮޑުވަޒީރުގެ ކޯލިޝަނަށް އެއްވަނަ ލިބުމުންމަގާމުގެ ދެވަނަ ދައުރަކަށް އޭނާ ކުރައްވާ އުންމީދު ބޮޑުވެގެން ދިޔައީއެވެ. އެކަމަކު، ކޯލިޝަން ހަދަންވެސް މަސްތަކެއް ނަގާފާނެ ކަމަށް ވެއެވެ.

އިންޑިޕެންޑެންޓް ހައި އިލެކްޓޯރަލް ކޮމިޝަނުން ބުނެފައިވަނީ، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 56.11 އިންސައްތަ މީހުން ވޯޓުލާން ނުކުތް ކަމަށެވެ. ބޮޑުވަޒީރު ސުދާނީ ވިދާޅުވީ، ވޯޓުލާން ނުކުތް މީހުންގެ ނިސްބަތަކީ މަތީ ނިސްބަތެއް ކަމަށާއި، މިކަމުން އިރާގުގެ ސިޔާސީ ނިޒާމަށް ރައްޔިތުން އިތުބާރު ކުރާކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

އެކަމަކު، ބޮޑެތި ސިޔާސީ ޕާޓީތަކުން ވެރިކަމަށް އަންނާން އުޅެނީ ރައްޔިތުންނަށް ކަމެއް ކޮށްދޭން ނޫން ކަމަށާއި، އެ ޕާޓީތަކުން އުޅެނީ އިރާގަށް ލިބިފައިވާ ތެލު މުއްސަނދިކަމުން ބައިއެޅުމުގައި ކަމަށް ބުނެ ގިނަ ޒުވާނުން ތިބީ ހިތްހަމަ ނުޖެހިފައި ކަމަށް، އިރާގުގެ ނޫސްތަކުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް